ނާޖާއިޒު ނުފޫޒުން ހައުސިން ސްކީމްތައް ސަލާމަތްކުރާނީ މި ސަރުކާރުން: މެންބަރު އިމްރާން

Advertisement

އެންމެ ފަސް

Advertisement

ނާޖައިޒު ނުފޫޒުން ހައުސިން ސްކީމްތައް ސަލާމަތްކުރާނީ މި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި ގެދޮރުވެރިކަމުގެ ކޮމިޓީގެ ނައިބު މުޤައްރިރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބޯހިޔާވަހިކަމުގެ ބިލް ހުށަހަޅާފަ އެވެ. އެ ބިލް ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

އެ ބިލްގެ މަސައްކަތްތައް ކުރިއަށްދާގޮތާއި މެދު ދާއިރާގެ ބައެއް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެ ކޮމިޓީގެ ނައިބު މުޤައްރިރު މެންބަރު އިމްރާން ވިދާޅުވީ، ބޯހިޔާވަހިކަމުގެ ބިލް އެކުލަވާލުމުގައި މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީން ކޮންމެ ދުވަހަކުވެސް ބުރަ، ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ރައްޔިތުންނަށް ދިމާވެފައިހުރި ދަތިތައް މީގެފަހުން ދިމާނުވާނެގޮތްތައް ވީހާވެސް ބޮޑަށް މި ބިލްގައި ހިމަނައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މެންބަރު އިމްރާން ވިދާޅުވި އެވެ. މި ބިލް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާންމުންގެ ޚިޔާލަށް ހުޅުވާލެވުނު ކަމަށާއި އަދި ކަމާގުޅުންހުރި ހުރިހާ އިދާރާއެއް އަދި މުއައްސަސާތަކާ މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް މެންބަރު އިމްރާން ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޔަގީންކަން ދެއްވާފަ، މި ސަރުކާރުގައި ނާޖާއިޒު ސިޔާސީ އަދި އެހެންވެސް ނުފޫޒަކާ ނުލައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގަވާނެ ކަމުގެ.“ މެންބަރު އިމްރާން ލަތީފް ވިދާޅުވި އެވެ.

މީގެއިތުރުން މެންބަރު އިމްރާން ލަތީފް ވިދާޅުވީ، ވަކި މިނިސްޓަރަކަށް ގުޅައިގެން ނުވަތަ ވަކި މެންބަރަކަށް ގުޅިގެން އެއްވެސް ލިސްޓަކަށް އެއްވެސް ނަމެއް ނާރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއިން ބޯހިޔާވަހިކަމުގެ ބިލު ދިރާސާކުރުން

ސަރުކާރުގެ ފަރާތުން ބޯހިޔާވަހިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މެންބަރު އަސްމާ ރަޝީދު އެވެ.

ބޯހިޔާވަހިކަމުގެ ބިލު ހުށަހެޅި މަގުސަދުތައް:

  • ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުމަށްޓަކައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކާއި އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމާއި ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން
  • މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް އާއިލާތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލު ކަނޑައެޅުން
  • ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތަތައް ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި، އެ ފަރާތަކުގެ އަސާސީ ޒިންމާތައް ކަނޑައެޅުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހުއްދަ ދިނުމާއި، މަޝްރޫއު ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން
  • ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ތަރައްގީކުރެވޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ވަސީލަތްތަކާއި މިންގަނޑުތަކާއި އެފަދަ ތަންތަނުގައި ލިބެންޖެހޭ އަސާސީ ހިދުމަތްތައް ކަނޑައެޅުން
  • ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ފަރާތްތަކުން ގާނޫނާ އެއްގޮތަށް އަމަލުކުރާ މިންވަރު ދެނެގަނެ، ފިޔަވަު އެޅޭނެ ނިޒާމެއް ގާއިމް ކުރުން

މި ބިލަކީ ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް، ރައްކާތެރި، އަދި ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ، އެކަށީގެންވާ ބޯހިޔާވަހިކަމަށް ވާސިލްވުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ފަސޭހަކަމާއެކު ހިފޭނެ ބޯހިޔާވަހިކަމުގެ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމުގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ ތަންތަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ހުށަހެޅި ބިލެކެވެ. އަދި އެފަދަ ފަރާތްތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫތައް ހިންގާ ފަރާތްތައް އެފަދަ މަޝްރޫތައް ހިންގަނީ ޒިންމާދާރުކަމާއެކު އަދި ދެފުށްފެންނަ އުސޫލުތަކެއްގެ ދަށުންކަން ކަށަވަރު ކުރުމަކީވެސް މި ބިލުގެ މަގުސަދެކެވެ.

ހުޅުމާލޭގައި އިމާރަތްކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކެއް

މި ބިލުގައި ވަނީ ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ހޯދޭނެ ގޮތްތައް ހަމަޖައްސައިދީ، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިން ފަންޑެއް ގާއިމު ކުރުމަށް ހިމަނާފަ އެވެ. އަދި މި ގާނޫނަށް އަމަލު ކުރަން ފަށާތާ 90 ދުވަސް ތެރޭގައި މި ފަންޑު ގާއިމު ކުރަން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި ފަންޑަށް 4 ގޮތަކަށް ފައިސާ ޖަމާ ކުރުމަށް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ފަރާތްތަކަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ލިބޭ ފައިސާ އާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ފައިސާ އާއި ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ބޭރު ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އެނޫންވެސް ފަރާތްތަކުން ދޭ އެހީގެ ފައިސާ އަދި ގަވަނިން ބޯޑުގެ ލަފާގެ މަތިން ހޯދާ، ގާނޫނު ހުއްދަ ކުރާ ފައިސާ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފް ބޯހިޔާވަހިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ