އިގްތިސާދީގޮތުން ވަރުގަދަ ގައުމަކަށްވުމަށް ވަރުގަދަ މިލިޓަރީއެއް އޮތުމަކީ ލާޒިމުކަމެއް: ރައީސް

Advertisement

އެންމެ ފަސް

Advertisement

އިގްތިސާދީގޮތުން ވަރުގަދަ ގައުމަކަށްވުމަށް ވަރުގަދަ މިލިޓަރީއެއް އޮތުމަކީ ލާޒިމުކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ ގަން އެއާރ ސްޓޭޝަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި އެއާރ ސްޓޭޝަނަކީ އެމްއެންޑީއެފްގެ ގާބިލިއްޔަތު އެތައް ގުނައަކުން މަތިވެގެންދާނެ ތަނެއް ކަމަށެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސްޓޭޝަންތައް ހަދާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ށ. ފުނަދޫގައި ހަދަމުންދާ މަރުކަޒު ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި އިތުރު ވަސީލަތްތައް ވައި، ކަނޑު އަދި އެއްގަމުގެ ބާރަށް ހޯދައިދިނުމަކީ ސަރުކާރުން ފަށާފައިވާ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން ކޯސްޓްގާޑްގެ ފްލީޓް ދެގުނަ ކުރުމަށް ކުރެވޭ މަސައްކަތް ކުރިއަށްދާ ކަމަށާއި ސިފައިންގެ އިންސާނީ ތަރައްގީއަށް ކޮށްދޭންޖެހޭ މަސައްކަތތައް އަދި އިތުރުންވެސް ކުރަންޖެހޭ ގިނަކަންކަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ މިކަންކަމުގެ ސަބަބުން ރައްޔިތުންނާއި ގައުމަށް ފައިދާވާނެ ކަމަށެވެ.

”އިގްތިސާދީގޮތުން މިގައުމަކީ ރެޒިލިއަންޓް، ތަރައްގީ ހާސިލުކުރެވޭ ވަރުގަދަ ގައުމަކަށް ވެގެންދިއުމުގައިވެސް ވަރުގަދަ މިލިޓަރީ ބާރެއްގެގޮތުގައި މިގައުމު އޮތުމަކީ ކޮންމެހެން ލާޒިމުކަމެއްކަމުގައި އަޅުގަނޑު ދެކެން.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ ރާއްޖެއަކީ ރައްކާތެރިތަނެއްކަމަށް އިންވެސްޓަރުންނަށް ގަބޫލުކުރެވޭނަމަ ކަމަށާއި، އިގްތިސާދަށް އިންވެސްޓްކުރާނެ ފަރާތްތައް އިތުރުވާނީ ސަލާމަތީގޮތުން ވަރުގަދަތަނަކަށް ރާއްޖެ ވެގެންކަމަށް ރައީސް ވިދާޅުވި އެވެ.

އިސްލާމީ ވަހުދަތު ކަށަވަރުކުރެވި، ގައުމު އިގްތިސާދީގޮތުން ހުޅުވާލުމަށްޓަކައި މިކުރެވޭ މަސައްކަތުގައި ރާއްޖޭގައި ވަރުގަދަ މިލިޓަރީ ބާރެއް އެމްއެންޑީއެފްގައި ގާއިމުވެފައިއޮތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

”2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި މިގައުމު ގުނާލެވޭނީ، ހަމަ ޔަގީނުންވެސް މިގައުމުގައި ވަރުގަދަ، ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ގަން އެއާރ ސްޓޭޝަންގެ މަސައްކަތްތައް ރައީސް މުއިއްޒު ބައްލަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެމްއެންޑީއެފްގެ ކެޕޭސިޓީ ހުރިހާ ދާއިރާއަކުންވެސް އިތުރުކުރުން ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ޔަގީންކޮށް ކަށަވަރުކޮށް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފްގެ ހުރިހާ ދާއިރާއަކުންވެސް ހުރިހާ މާނައެއްގައި ކަންކަން ފުރިހަމަކޮށްދީ ވަރުގަދަކޮށް ތަރައްގީ ކޮށްދިނުމަކީ ކޮންމެ ރައްޔިތެއްގެވެސް އުންމީދަކަށްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އެއީ ސަރުކާރުގެ އަދި އެމަނިކުފާނުގެ ޒިންމާއެއް، ފަޚުރެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެމްއެންޑީއެފްގެ ހުރިހާ ދާއިރާއަކުން އޭރުއޮތް ހާލަތު އޮތީ އެތައް ގުނައަކުން ރަނގަޅުކުރަން ޖެހިފައިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، މިލިޓަރީގެ ހާލަތު ރަނގަޅުކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި އަދި ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފް އެއަރ ކޯ އުފައްދައި ޒަމާނީ ވަސީލަތްތައް ހޯދައި އެ ވަސީލަތްތައް ބޭނުންކުރެވޭނެ މަގުތައް ފަހިކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އައްޑޫގައި ގާއިމުކުރެވިފައިވާ އެއަރ ސްޓޭޝަނަކީ ވަރަށް މުހިންމު އިންފްރާސްޓްރަކްޗަރ ވަސީލަތެއް ކަމަށް ވިދާޅުވި އެވެ.

އަސްކަރީ ވަސީލަތްތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގަން އެއާ ސްޓޭޝަންގައި ދާދިއަވަހަށް އިތުރު ޓްރޭނިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، ގިރިފުށީގައިވެސް ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މާފިލާފުށި ތަރައްގީކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށާއި، ނެޝަނަލް ސާވިސްގެ މަސައްކަތް ވެސް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މިއީ ރާއްޖޭގެ މުސްތަގުބަލައްޓަކައި ކުރެވޭ މުހިންމު ކަންކަން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ