އައްޑޫ ސިޓީން ވަކިވެ، ހުޅުދޫ އަދި މީދޫގެ ވަކި ކައުންސިލެއް އުފެދުމަކީ ދެ ރަށުގެ ތަރައްޤީގެ ފެށުން: ރައީސް

Advertisement

އެންމެ ފަސް

Advertisement

އެންމެ މުހިންމު އެއްކަމަކީ އަސާސީ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހިކަމުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ލިބިގަތުން ކަމަށާއި، ހުޅުދޫ އަދި މީދޫގެ ވަކި ކައުންސިލެއް އުފެދިގެންދިއުމަކީ މި ދެ ރަށުގެ ތަރައްޤީގެ ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، އައްޑޫ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިއީ ކޮންމެ ދުވަހަކު ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުން އެދޭ ގޮތަށް އެކަން ފަހިވެފައި އޮތުން ކަމަށެވެ. އެކަން ޙާސިލްވެގެން ދިޔުމަށް މިހާރު ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ކައުންސިލްގެ ގޮތުގައި ދެ ކައުންސިލް ރައްޔިތުން އިންތިޚާބު ކުރެއްވުމާއެކު، ރިޔާސީ އިންތިޚާބުގައި ވީ ވައުދު ފުދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

”ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ކައުންސިލްގެ ގޮތުގައި 2 ކައުންސިލް ތި ލޮބުވެތި ރަށްޔިތުން އިންތިހާބު ކުރަށްވާނެ. ކުރެއްވީމަ ދެ ކައުންސިލް ރަސްމީ ގޮތުން މަސައްކަތް ފަށާ ގޮތަށް އެ އޮތީ ރިޔާސީ އިންތިހާބުގައި ވީ މި ވައުދު ފުދިގެންދާނެ.“

މިއާއިއެކު އަމަލީގޮތުން ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާ ގާތުން ރަށްވެހިކަމުގެ މުނިސިޕަލް ޚިދުމަތް ދިނުމުގެ ޒަމާން ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ހުޅުދޫ އާއި މީދޫގެ ތަރައްޤީއަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށާއި އަހަރުތަކެއްވަންދެން ބާކީ ކޮށްފައި ތިބި ބަޔަކަށް އިސްކަން ދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށާއި އެއީ އެންމެން ހަމަހަމަކުރުމުގެ ސިޔާސަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހުޅުދޫ އަދި މީދޫން މަރުހަބާ ދެންނެވުން — ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުޅުދޫ އަދި މީދޫއަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން، ދެ ރަށުގައި މުނިސިޕަލް ޚިދުމަތް ދޭން ބޭނުންވާ ޖާގަ މިހާރު ހުރި އިމާރާތްތަކުގައި ހުރި ޖާގައިގެ އިތުރަށް ޖާގަ އިތުރުކުރަންޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ބަޖެޓުތެރެއިން ވިޔަސް އަދި އެހެނިހެން ގޮތްގޮތުން ޕްރައިވެޓް ސެކްޓަރއިން ފަހިކޮށްދޭ ކަންކަމުގައި ވިޔަސް އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އައްޑޫ އަތޮޅު ހަމަހަމަކޮށް ތަރައްޤީވެ، އައްޑޫ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތުގައި ތަރައްޤީ ޙާސިލްވަންދެން މި ސަރުކާރުން ކަންކަން ކޮށްދޭނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހުޅުދޫ އަދި މީދޫން މަރުހަބާ ދެންނެވުން — ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދުމަކީ އެންމެ އިސްކަންދީ އަމާނާތްތެރިކަމާއިއެކު އަދާކުރާ ކަންތައް ކަމަށެވެ. މިއަދާ ހަމަޔަށް އައިއިރު މި ސަރުކާރުން މަސައްކަތް ކުރަމުންއައީ މިގޮތަށް ކަމަށާއި، ރައްޔިތުންނަށް ރިޔާސީ އިންތިޚާބުގައި ވައުދުވި ކަންކަން އިޚުލާސްތެރިކަމާއި އަމާނާތްތެރިކަމާއިއެކު ފުރިހަމަޔަށް އަދާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސ. ހުޅުދޫ ސ. މީދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ