ގައުމު އިސްކޮށް، ގައުމާއި އެއްކޮޅަށް ވިސްނާނަމަ މިނިވަންކަން ދެމި އޮންނާނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ކޮންމެ ދިވެއްސަކުވެސް ގައުމު އިސްކޮށް، ގައުމާއި އެއްކޮޅަށް ވިސްނާނަމަ ގައުމުގެ މިނިވަންކަން ދެމިއޮންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތެއްގެ ފަޚުރެއްކަމުގައި އަދި ޒިންމާއެއް ކަމުގައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުން ހަދަންޖެހޭ ކަމަށެވެ.

”ކޮންމެ މީހަކަށް ތަމުރީނުދީގެން ހަތިޔާރެއް ނުދެވޭނެ. އެހެންނަމަވެސް ކޮންމެ މީހެއް އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް. އެއީ ﷲ ސުބްހާނަހޫވަތައާލާ ދެއްވާފައިވާ ސިކުނޑި، ވިސްނުން.“

އެމީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރަން އަޒުމުކަނޑައަޅާ އެގޮތުގައި ރެޔާއި ދުވާލު ގައުމާއި އެއްކޮޅަށް ކަންކަން ކުރަން އަޒުމުކަނޑައަޅާ، މަސައްކަތްކުރާހާ ހިނދަކު މި ގައުމާމެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ގައުމުގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު އޭރުން އޮންނާނީ އަބަދުވެސް ހިމާޔަތްވެފައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމު އިސްކޮށްގެން ކުރިއަށްދިއުމުގެ އަޒުމު ކޮންމެ މީހެއްގެ ގައިގާވެސް ހުންނަންޖެހޭނެކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެގޮތަށް ކުރިއަށްދާނަމަ ގައުމުގެ މިނިވަންކަން އޮންނާނީ ހިމާޔަތްކުރެވިފައި ކަމަށެވެ. ރައްޔިތުންގެ ވިސްނުން ގައުމާއި އެކޮޅަށް ބޭނުން ނުކުރާނަމަ، ގެންނަ އަތްލެވޭ ތަރައްގީގެ އެއްވެސް ބޭނުމެއް ނެތްކަމަށްވެސް ރައިސް ވިދާޅުވި އެވެ.

”މިއަދު ފެނިދާނެ އަޅުގަނޑުމެންގެ ފަތުރުވެރިކަން ނައްތާލުމަށް ފަތުރުވެރިކަމާ ދެކޮޅަށް، މިސާލަކަށް މިދަންނަވަނީ، ބަޔަކު ކަންތައްތަކެއް ދިވެހިންގެ ބަޔަކު ބައިވެރިވެގެން ކުރާތަން. މިދެންނެވިގޮތަށް ކޮންމެ އަފުރާދަކު ގައުމާއި އެއްކޮޅަށް ވިސްނާނަމަ އަތުގައި އޮންނަ ފޯނު ބޭނުންކޮށްގެން، މިހާރުގެ މީސްމީޑިއާގެ ހަގީގަތް ބޭނުންކޮށްގެން ގައުމާއި އެއްކޮޅަށް މަސައްކަތްކޮށްފިނަމަ އިސާހިތަކު އެކަހަލަ ހުރިހާ ހަމަލާތަކެއް ނައްތާލެވޭނެ.“

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ވިދާޅުވީ ގައުމަށްޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިންގެ ނުވަތަ ފުލުހުންގެ ޔުނިފޯމް އަޅައިގެން އެކަނި ކުރަންއޮތް ކަމެއް ނޫން ކަމަށެވެ. މިއަދުގެ ދުނިޔެއަކީ ބަވަނަވެފައިވާ ދުނިޔެއެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ކުރިން ގައުމުގެތަކުގެ މިނިވަންކަން ނަގާލުމަށް ހަތިޔާރާއެކު އެރިނަމަވެސް މިހާރު ދުނިޔޭގެ ކަންކޮޅުތަކުގައި ގައުމުތަކުގެ މިނިވަންކަން ނަގާލަނީ އެގޮތަށް ނޫން ކަމަށެވެ.

”މިއަދުގެ މި ޓެކްނޮލޮޖީގެ ޒަމާނުގައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ އަޅުގަނޑުމެން ޣާފިލުވެތިއްބާ، ނޭންގިތިއްބާ.“

ގައުމުގެ ދިވެހިވަންތަކަން އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ގައުމުގެ އަބްތާލުން ކުރެއްވި ޖިހާދުގެ މަތިން އަބަދުވެސް ހަނދާންކޮށް އޭގެން އިބުރަތް ލިބިގަނެ އަންނަން އޮތް ޖީލުތަކަށް އެކަން ވާރުތަކޮށްދޭންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި މިކަންކަން ޒުވާނުންނަށް ދަސްކޮށްދޭންޖެހޭކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ މުހިންމު ސިޔާސަތެއް ކަނޑައަޅައި އެ މަސައްކަތްފެށީ މި މަގުސަދު ހާސިލުކުރުމަށްކަމަށެވެ.

ގައުމީ ވަތަނީ ހިދުމަތުގެ މަސައްކަތަކީ މިގޮތުގެ މަތިން ކުރިއަށްގެންދާ ކަމެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ މި އަހަރު ތަމުރީނުވާ ޒުވާނުންނަށްވުރެ އިތުރަށް އަންނަ އަހަރު ޒުވާނުން މި ހިދުމަތަށް ތަމުރީނު ކުރެވޭނެކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން 1000 ޒުވާނުން އަންނަ އަހަރު މި ހިދުމަތުގެ ދަށުން ތަމްރީނު ކުރެވޭނެކަން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ޤައުމުދެކެ ލޯބިވާ، ޤައުމަށްޓަކައި ގުރުބާންވާން ތައްޔާރަށްތިބި ބަޔަކު އުފެއްދުމަކީ އެކަމަށްޓަކައި އުފާކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

ނަސްރުގެ ދުވަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ