ރާއްޖޭގެ މިނިވަންކަން ދިފާއު ކުރެވޭވަރުގެ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ އިސްނެންގެވުމުގެ ދަށުން ފެށިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ މިދިޔަ 15 އަހަރު ދުވަހު ދިފާއީ ދާއިރާއަށް އަޅާނުލެވި އޮތްއޮތުން ނިމުމަކަށް ގެނެސް މި ގައުމުގެ މިނިވަންކަން ދިފާއު ކުރެވޭވަރުގެ އަސްކަރިއްޔާ އަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
”މި ގައުމުގެ ހާލުގެ ދުލުން ވަތަނުގެ ދިފާއަށް ސަމާލުވުމަށް ގޮވާލި ގޮވާލުމަށް 15 ވަރަކަށް އަހަރު އަޅާނުލެވި އޮތް އޮތުން ނިމުމަކަށް ގެންނަވައި، އެ ގޮވާލުމަށް އިޖާބަދެއްވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލުގެ ހިމާޔަތުގައި ނުހަނު ފަލަ ރަތް ރޮނގެއް ދަންމަވައި، ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ދިފާއީ ސިޔާސަތެއްގެ ދަށުން ރާވަވައި އެ ފަލަ ރަތް ރޮނގު ހިމާޔަތްކުރެވޭ ފަދަ ޒަމާނީ އަސްކަރިއްޔާއަކަށް އަޅުގަނޑުމެންގެ ދިފާއީ ބާރު ބަދަލުކުރައްވަން ފަށްޓަވައި ރެއާއި ދުވާލު އެ މަސައްކަތުގައި ޝާމިލްވެ އުޅުއްވައި ހޯއްދަވަމުން ގެންދަވާ ގިނަގުނަ ކާމިޔާބީތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ޝުކުރު ދަންނަވަން.“ ޣައްސާން ވިދާޅުވިއެވެ.
މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވެ މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރެވިފައިވާ ކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވި އެވެ. މިދިޔަ އަހަރުގެ ނަސްރުންގެ ދުވަހުގެ ޖަލްސާގައި އިއުލާނުކުރެއްވި ޝަހީދުންގެ އާއިލާތަކަށް ދޭ އިނާޔަތް ސަރުކާރުން ދޭން ފަށާފައިވާ ކަމަށާއި ސިފައިންގެ ޚިދުމަތަށް އާ ސިފައިން ނެރުމުގެ މަސައްކަޔް ވެސް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މެރިންކޯ އާއި ކޯސްޓު ގާޑުގެ ގާބިލިއްޔަތުކަން ދެގުނަ ކުރެއްވުމަށް ރައީސް އިއުލާނުކުރެއްވި މަސައްކަތް ކާމިޔާބުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޣައްސާން ވިދާޅުވީ، މިއީ ދިވެހި ސިފައިންގެ ލަޝްކަރު އަލުން ރުކުރުވާލައި ސިފައިންގެ ފަހުރާއި ޝަރަފް އުފުލާލައި ދުނިޔެއަށް ދައްކާލަންވީ ދުވަސް ކަމަށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިންނަށް ކާމިޔާބުލިބުމުގެ މައިގަނޑު ސަބަބަކީ ލިބެމުން ދިޔަ ފަނޑު މައުލޫމާތުގައިވެސް ވެރިން ކުރަމުންދިޔަ އަމުރުތަކަށް، ސުވާލެއް ކުރުމެއްނެތި ސިފައިން ތަބާވަމުން ދިއުން ކަމަށެވެ.
”އެ ދުވަހު ދިވެހިންނަށް ކާމިޔާބުވުމުގެ މައިގަނޑު އެއް ސަބަބަކީ، ލިބެމުންދިޔަ ފަނޑު މައުލޫމާތުގެ އަލީގައި ވެސް ވެރިން ކުރައްވަމުން ގެންދެވި އަމުރުފުޅުތަކަށް ސުވާލުކުރުމެއް ވެސް ނެތި، ސިފައިން ކުރަމުން ގެންދިޔަ މަތިވެރި ޖިހާދު “ ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ދިފާއީ ސިޔާސަތެއްގެ އެންމެ އަސާސީ ތަނބަކީ ގައުމަށް ވަފާތެރި ވާޖިބަށް އިހުލާސްތެރި ޖީލަކަށް ފަހު ޖީލެއް އުފައްދަމުން ގެންދިއުން ކަމަށެވެ.
ނަސްރުގެ ދުވަސް އެމްއެންޑީއެފް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
