މ.މަޑުއްވަރި ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ”ހިތްފަހި ފުޓްސަލް ޗެލެންޖް 2025“ ގެ ނިއުސް ޕާޓްނަރަކަށް ”ޖަވިޔަނި“ ހަމަޖައްސައިފިއެވެ.
”ޖަވިޔަނި“ އާއި މަޑުއްވަރި ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މުބާރާތާ ގުޅުންހުރި ހުރިހައި ޚަބަރެއް ޖަވިޔަނިން ގެނެސްދޭނެއެވެ. އަދި މުބާރާތް އިތުރަށް ކުރިއަރުވަން ޖަވިޔަނިން މަސައްކަތް ކުރާއިރު، މުބާރާތުގެ އަދާހަމަ ޖަވިޔަނިން ގެނެސްދޭނެއެވެ.
މިއަހަރުގެ މުބާރާތަކީ މަޑުއްވަރި ކައުންސިލުން އިންތިޒާމުކުރާ ހިތްފަހި ފުޓްސަލް ޗެލެންޖުގެ ދެވަނަ މުބާރާތެވެ. މުޅިން އަލަށް މި މުބާރާތް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.
މ.އަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ހިމެނެނީ މަޑުއްވަރި އަށް ނިތްބަތްވާ ހަތަރު ޓީމާއި ދިއްގަރު ދެ ޓީމުގެ އިތުރުން މުލަކު ޓީމެކެވެ.
މިއަހަރުގެ މުބާރާތުގައި މަޑުއްވަރިން ބައިވެރިވި ޓީމުތަކަކީ އެއްލިކަޅި، ރައިސިން ރޫކީސް، ބާޒު ސްޕޯޓްސް ކްލަބް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ދިއްގަރުން ބައިވެރިވީ ރާގޮނޑި ރައިޑާސް އާއި ކްލަބް އަލިއެންޒާ އެވެ. މި މުބާރާތުގައި ވާދަކުރާ މުލަކު ޓީމަކީ ކްލަބް ވިންސެންޒޯ އެވެ.
މުބާރާތުގެ ގުރުއަތުލުމުގެ ރައްމިއްޔާތު މިރޭ ކުރިޔަށްދާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ޓީމުތައް ދެ ގުރޫޕަކަށް ބަހާލެވޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ބާޒު އެސްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ މީމު ޕޮލިހުންނެވެ.
