މ.މަޑުއްވަރި ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ”ހިތްފަހި ފުޓްސަލް ޗެލެންޖް 2025“ ގެ ގުރުއަތުލުން ބާއްވައިފިއެވެ.
ހިތްފަހި ފުޓްސަލް ޗެލެންޖުގެ ދެވަނަ މުބާރާތުގެ ގުރުއަތުލާފައިވަނީ ރޭ މަޑުއްވަރި ކައުންސިލްގެ ދަސްވަނި މާލަމުގައި ކުރިޔަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވެފައިވާއިރު، ޓީމުތައް ބަހާލެވިފައިވަނީ ދެ ގުރޫޕަކަށެވެ. އެގޮތުން، ގުރޫޕު ”އޭ“ ގައި ހިމެނެނީ ރާގޮނޑި ރައިޑާސް، އެއްލިކަޅި، ކްލަބް ވިންސެންޒޯ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އޭގެތެރެއިން ދަ ގްރާންޑޭ އާއި އެއްލިކަޅި އަކީ މަޑުއްވަރިއަށް ނިސްބަތްވާ ދެ ޓީމެވެ. މީގެއިތުރުން، ރާގޮނޑި ރައިޑާސް ދިއްގަރަށް ނިސްބަތްވާއިރު، ވިންސެންޒޯ އަކީ މުލަކު ޓީމެކެވެ.
މުބާރާތުގެ ގުރޫޕު ”ބީ“ ގައި ހިމެނެނީ ދިއްގަރަށް ނިސްބަތްވާ ކްލަބް އަލިއެންޒާ އާއި މަޑުއްވަރި ދެ ޓީމު ކަމަށްވާ ރައިސިން ރޫކީސް އާއި ބާޒު ސްޕޯޓްސް ކްލަބެވެ.
އަންނަ ބުރާސްފަތި ދުވަހުގެރޭ މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރާގޮނޑި ރައިޑާސް އާއި ވިންސެންޒޯ އެވެ. އެރޭގެ ދެވަނަ މެޗުގައި އަލިއެންޒާ އާއި ބާޒު ބައްދަލުކުރާއިރު، ފަހު މެޗުގައި އެއްލިކަޅި ނިކުންނާނީ ދަ ގްރާންޑޭ އާ ދެކޮޅަށެވެ.
މިއަހަރުގެ މުބާރާތުގެ ނިއުސް ޕާޓްނަރަކަށް ”ޖަވިޔަނި“ ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެހެނިހެން ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ ލިޖިއަން ޓްރެވެލްސް، ސަމަން ޓްރޭޑިން، ބައިނަރީ ސޮލިޔުޝަންސް އަދި އިންސަޓްސޫ އެވެ.
