ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް، އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
އެމްއޭސީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މި މަސައްކަތަށް ޚާއްސަކުރެވިފައިވާ ސަލާމަތީ މަސައްކަތު ގްރޫޕުގެ ބައްދަލުވުން އިއްޔެ ވަނީ ބާއްވައިފަ އެވެ.
މި ބައްދަލުވުމުގައި އެމްއޭސީއެލްގެ ތަފާތު ޑިޕާޓްމަންޓްތަކުގެ މަންދޫބުން ބައިވެރިވެފައިވެ އެވެ. މަޝްވަރާކުރެވުނު މައިގަނޑު ކަންކަމުގެ ތެރޭގައި މަސައްކަތުގެ މާހައުލުގެ ސަލާމަތީ އުސޫލުތައް މުރާޖަޢާކުރުމާއި، އެ އުސޫލުތައް އިތުރަށް ހަރުދަނާކުރުން ހިމެނެ އެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސަލާމަތީ ކަންކަމުގެ ނަތީޖާ މުރާޖަޢާކުރުމާއި، ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމުގެ އިތުރުން، ވީއައިއޭގެ ހުރިހާ މަސައްކަތެއްގައިވެސް ސަލާމަތީ ކަންކަމަށް އިސްކަންދޭ ސަޤާފަތެއް ކުރިއެރުވުމެވެ.
އެމްއޭސީއެލް އިން އަންނަނީ އެ ކުންފުނީގެ ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، މުވައްޒިފުން ކުރިއަރުވައި، އެއާޕޯޓްގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރެވެ އެވެ.
އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މުވައްޒަފުންނަށް ޖުމްލަ 447 ތަމްރީން ޕްރޮގްރާމެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި ޕްރޮގްރާމްތަކުގައި 7,773 ބައިވެރިން ބައިވެރިވެފައިވާއިރު، މި ހުރިހާ ތަމްރީނެއް ވެސް ދީފައިވަނީ އެމްއޭސީއެލްގެ ޓްރެއިނަރުންނެވެ.
މީގެ އިތުރުން، އެއާޕޯޓްގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން، މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ހަތަރު ޓުއާ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ޓުއާތަކުގައި އެމްއޭސީއެލްގެ އޮޕަރޭޝަންސްތަކާއި ވީއައިއޭގެ މުހިންމު ސަރަހައްދުތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން، އެމްއޭސީއެލް އިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދީފައިވެ އެވެ. މި ޓުއާތަކުގައި ޖުމްލަ 273 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
