ދައުލަތުގެ ބަޖެޓުން 18 މީޑިއާއަކަށް 28 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ޔޫތު މިނިސްޓްރީން ނިންމާފައިވާ ނިންމުން ބަދަލުކޮށް، އެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ޔޫތް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ވަނީ މި ހިލޭ އެހީއަށް ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ލިބޭ ފައިސާގެ އަދަދުތައް ހާމަކޮށްފަ އެވެ. މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ޔޫތް މިނިސްޓްރީން ކުރަމުން އައި މަސައްކަތް އެމްއެމްބީސީއާ ހަވާލުކޮށްފައިވަނީ ޔޫތް މިނިސްޓްރީން އާންމު ކުރި ލިސްޓާ ގުޅިގެން ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ރަނގަޅަށް ނުހިންގާ ނޫސްތަކަކަށް ފައިސާ ދޭން ހިމަނާފައިވާކަމަށާއި ސަރުކާރުގެ އިސް ފަރާތްތަކެއްގެ މަސްލަހަތު އޮތް ނޫސްތަކަކަށް ފައިސާ ދޭން ހިމަނާފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޔޫތް މިނިސްޓްރީން ފަހުން ގެޒެޓް ކުރި އިއުލާނެއްގައިވާ ގޮތުން، ފައިސާ ދިނުމަށްޓަކައި އެ މިނިސްޓްރީން މިހާތަނަށް ކުރަމުން އައި ކަންކަން ދެން ކުރާނީ އަލަށް އުފެއްދި މީޑިއާ ކޮމިޝަނުންނެވެ.
މި ނިންމުން ބަދަލުކުރި ސަބަބު ބަޔާންކުރަމުން މިނިސްޓްރީން ބުނީ، ”ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އެފެއްދުމާ އެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ އެންމެހާ ކަންކަން މިނިވަންކަމާ އެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެމްބީސީން ކަމަށް މި މިނިސްޓްރީން ދެކޭތީ“ ކަމަށެވެ. އެހެންކަމުން މިނިސްޓްރީން ކުރި އިއުލާން ބާތިލުކޮށް މިކަމުގެ އެންމެހާ ކަންކަން އެ ކޮމިޝަނާ ހަވާލު ކުުރުމަށް ނިންމާފައިވާކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
 
															
 
															 
															 
															