މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު ޢާންމުކޮށްފި އެވެ.
މި ސުލޫކީ މިންގަނޑަކީ މިއަހަރުގެ ތެރޭގައި ޢަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން ކޮމިޝަނުން އެކުލަވާލަން ޖެހޭ މިންގަނޑެކެވެ.
މި އުޞޫލުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ނަގަހައްޓަންޖެހޭ ހަމަތަކާއި، ޕްރޮގްރާމިންއާއި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންވީ އުސޫލުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ. އަދި މައުލޫމާތު ހާމަކުރުމުގައި އިސްކަންދޭންވީ މިންގަނޑުތައްވެސް ވަނީ މި ސުލޫކީ މިންގަނޑުގައި ހިމަނާފަ އެވެ.
ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ހިފަހައްޓަންޖެހޭ މައިގަނޑު ހަމަތައް:
- އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
- ޤައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން.
- އިޖުތިމާޢީ އަޚުލާޤާއި އާންމު ނިޒާމު ހިފެހެއްޓުން.
- މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކައުތެރިކުރުން އަދި އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
- ތެދު މަޢުލޫމާތު ހާމަކުރުމާއި އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން.
- ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުޑަކުދިންގެ ޙައްޤުތަކަށް ގެއްލުންވާނެ ފަދަ ޚަބަރާއި މަޢުލޫމާތު ނުފެތުރުން.
މީގެ އިތުރުން، އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް ޤާނޫނުތައް ހުއްދަކުރާ ގޮތުގެ މަތީން ޖާގަ ދިނުމަށާއި، އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް މި މިންގަނޑުގައި ބާރުއަޅާފައިވެއެވެ.
ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގައި ކޮޕީރައިޓު ނުވަތަ އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓާ ބެހޭ ބައެއް ވެސް ހިމަނާފައިވެ އެވެ. އެގޮތުން އެހެން ފަރާތެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބޭނުންކުރުމުގައި އެ އެއްޗެއްގެ ވެރިފަރާތެއްގެ ހުއްދަޔާއެކު އެ ފަރާތަށް ކްރެޑިޓްދީގެން މެނުވީ އެ ކޮންޓެންޓެއް ގެނެސްދީގެންނުވާނެކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެހެން ފަރާތެއްގެ އުފެއްދުމެއް ބޭނުންކުރުމުގައި އޭގެ އަސްލު އޮޅުވައިލައިގެން އެއީ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ގެނެސްނުދިނުމަކީވެސް މިންގަނޑާ ޚިލާފު ކަމެކެވެ.
މީގެ އިތުރުން، ކޮންޓެންޓް އުފެއްދުމުގައި އާޓިފިޝިއަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވެ އެވެ. އޭއައި ބޭނުންކޮށްގެން އުފައްދައިފައިވާ ކޮންޓެންޓް ގެނެސްދިނުމުގައި، އެ ކޮންޓެންޓަކީ އެ ފަދަ ގޮތަކަށް އުފައްދައިފައިވާ ކޮންޓެންޓެއްކަން ބަޔާންކުރަންޖެހޭނެ ކަމަށް މިންގަނޑުގައިވެ އެވެ.
ނޫސްވެރިކަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން


