ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އިބްރާހީމް ނަސްރީނަށް، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފި އެވެ.
ނަސްރީން ވަނީ މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގެންފަ އެވެ.
ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމާއެކު، އެ މިނިސްޓްރީގެ މަސައްކަތްތައް ނަސްރީން ފެއްޓެވީ އިއްޔެ އެވެ.
ނަސްރީނަކީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 2024 ގައެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސައީދުގެ ކުރިން އެ މަގާމު ފުރުއްވީ ޒީނާ ޒާހިރެވެ. އެ ދެ ބޭފުޅުން ވެސް އެކި ސަބަބުތަކާ ހެދި އެމްޑީގެ މަގާމުން ވަކިވެވަޑައިގެންނެވީ އިސްތިއުފާ ދެއްވައިގެންނެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ނަސްރީން އެންމެ ފަހުން ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމާ ދެން ހަވާލުވާނީ އެ ކުންފުނީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި އައިމިނަތް ނަމްޒާ އެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ޕީއެސްއެމް



