ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަން ހިންގާފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނާއި ހދ. ނޮޅިވަރަން ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ. މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮޅިވަރަން، ޔާދޫ، ޢަލީ ރަޝީދު (48އ) އެވެ.
ޢަލީ ރަޝީދު ހައްޔަރުކުރެވުނީ ނޮޅިވަރަމަށް އައި ބޯޓަކުން އޭނާ ގެނައި ފޮށިގަނޑަކާއި ޑަބިޔަލެއް ބަލައިފާސްކުރިއިރު އެވެ. ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ޕެކެޓު ފެނިފައިވާކަމަށް ފުލުހުންގެ މައުލޫމާތުތަކުން އެނގެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
