އަންނަ އަހަރަށް ލަފާކޮށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، 2026 ވަނަ މާލީ އަހަރަށް ހުށަހަޅާ ބަޖެޓަކީ 64,202,565,720 ރުފިޔާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
”މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް.“ މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.
ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ، 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ބަޖެޓް 2026 ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް
 
															
 
															 
															 
															