އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ 2026 ވަނަ އަހަރު ދިވެހި ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ މި ހިނގާ 2025 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 ޕަސެންޓްގެ އިތުރުވުމެއްކަން މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި އެވެ.
”2025 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ވަނަ އަހަރު ފެނިގެންދާނެ.“ މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ 2026 ވަނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ގިނަ ޓެކުހާއި ފީގެ ރޭޓްތަކަށް ބަދަލުގެނެސްފައިވާކަން ފާހގަަކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައެއް ނުވާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ހީނަރުކަމެއްނައިސް އާރޯކަން ގެނައުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ބަޖެޓް 2026 ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
