އަންނަ އަހަރު ދައުލަތުގެ ޚަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
ބަޖެޓް ސްޕީޗް މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެއްކަން މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި އެވެ.
”އަންނަ އަހަރުގެ ޚަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއްކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާއި ގުޅިގެން އިތުރުވާ މުސާރަ އާއި އުޖޫރައިގެ ޚަރަދު.“
މިނިސްޓަރު ޒަމީރު ވިދާޅުވީ އާސަންދައިގެ ޚަރަދުތައް ހަރުދަނާކުރުމަށް މިހާރު ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއިއެކު 2026 ވަނަ އަހަރު، އާސަންދައަށް ކުރެވޭ ޚަރަދު މިހާރެކޭ އެއް މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.5 ބިލިއަން ރުފިޔާކަމަށް ވިދާޅުވި އެވެ. އަދި ބްލޮކް ގްރާންޓް ހަރަދުކުރެވޭ އުސޫލު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަރަދުކުރުމަށް ބާރުއެޅޭނެ ގޮތަށް ބައްޓަންކުރުމަށް ނިންމާފައިވާކަން މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ސަރުކާރުން އަލަށް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައިވުމުން، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ޚަރަދު ގްރާންޓެއްގެ ގޮތުގައި ދިނުމަށްވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. އެގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާނެ ކަމަށާއި، މިއީ މިހާރު މިދާއިރާއަށް ކުރެވޭ ހަރަދާ އަޅާބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މި އަހަރާއި އަޅައިބަލާއިރު، ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. އަދި އެއީ މި އަހަރުގެ ޕީއެސްއައިޕީ ސިޔާސަތު އަންނަ އަހަރުވެސް ކުރިއަށް ގެންދިޔުމާއެކު، އުމްރަނީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް އަންނަ އަހަރު ތަންފީޒުކުރުމަށް ރާވާފައިވާތީކަން ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިސް ބަޖެޓް 2026 ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް
