މާލޭގެ ބާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ މިސްކިތްތައް އަޅާނަން: މިނިސްޓަރު ޝަހީމް

Advertisement

އެންމެ ފަސް

Advertisement

މާލޭގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ އާ މިސްކިތްތައް އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ އިރު، މި މިސްކިތްތައް ބިނާކުރަނީ އިލްމީ އަދި އިޖްތިމާއީ ގޮތުން ވެސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށްކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މ. ބޮޑުގެ މިސްކިތް އަޅަން މާދަމާ ބިންގާ އަޅާނެ ކަމަށާއި، އެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ބަރުބަރީ މިސްކިތް ނިންމައި އަންނަ ޑިސެމްބަރު މަހު ހުޅުވާނެ ކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ. މި ހުރިހާ މަޝްރޫއަކަށް ވެސް ސްޕޮންސަރުން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ މުހިންމު މިސްކިތެއް ކަމަށްވާ ޒިކުރާ މިސްކިތް އަޅަން ވެސް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެ މަސައްކަތް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޑިޒައިންކުރުމުގެ މަރުހަލާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިލިމާލޭގައި ހުރި ސަލާމް މިސްކިތް ތަޅާލައި، އެ ތަނުގައި ވެސް ޒަމާނީ ބޮޑު މިސްކިތެއް އަޅާނެ ކަމަށާއި، އެތަން ވެސް މިހާރު އޮތީ ޑިޒައިންކުރުމުގެ މަރުހަލާގައިކަން މިނިސްޓަރު ހާމަކުރެއްވި އެވެ.

މީގެ އިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތް ހުރި ތަނުގައި ވެސް ޒަމާނީ މިސްކިތެއް އަޅައި ނިމެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ހުރިހާ މަޝްރޫއުތައް ނިމޭއިރު، މާލެ ސިޓީގައި ބާކީ ހުންނާނީ ބާވެފައި ހުރި ހެންވޭރު މަސްޖިދު އަފީފުއްދީން އެކަންޏެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، އެތަން ވެސް ޒަމާނީ ފެންވަރަށް ބިނާކުރެވޭނެ މަގު އަންނަ އަހަރު ފަހިވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، މާލޭގައި ބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރިއަސް، ތާރީޚީ އަދި އާސާރީ މިސްކިތްތައް ހަމަ އެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. އާ މިސްކިތްތައް ބިނާކުރުމުގެ މަޤްޞަދަކީ ދީނީ ޢިލްމު ފެތުރުމާއި، އިޖްތިމާޢީ ކަންކަމަށް ވެސް ބޭނުންކުރެވޭނެ ފަދަ މަރުކަޒުތަކެއް ޤާއިމުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ