އަތޮޅު ކައުންސިލް އުވާލުމުން އެ ލިބޭ ރުފިޔާ އެހީ ބޭނުންވާ މީހުންނަށް ހޭދަކުރާނަން: ރައީސް

Advertisement

އެންމެ ފަސް

Advertisement

އަތޮޅު ކައުންސިލް އުވާލުމުން އެ ލިބޭ ފައިސާ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހޭދަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޅ. އަތޮޅަށް މިހާރުކުރައްވަމުން އަންނަ ދަތުރުފުޅުގައި އޮޅުވެލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ފަހިވެ ހިދުމަތްތައް ފަހިވާ ގޮތަށް ކަންކަން ނިންމަމުން އަންނަ ކަމަށާއި އެ ގޮތުން ނިންމި އެއް ނިންމުމަކީ ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުގެ ތެރެއިން އަތޮޅު ކައުންސިލް އުވާލުން ކަމަށެވެ. އަތޮޅު ކައުންސިލް އުވާލުމުން ފައިސާ ސަލާމަތްކުރެވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ފައިސާ ރަށްރަށުގައި އެހީ އަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ދެވޭ ގޮތަށް ބަޖެޓު ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

”މި ފައިސާ ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެ ރަށެއްގަ ހުންނަ އިޖްތިމާއީ ގޮތުން ރައްޔިތުންގެ ތެރޭގައި ހުރި އެހީ ބޭނުންވާ ފަރާތްތައް އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމުގައި ވިޔަސް އެކި ކަހަލަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތައް ވިޔަސް އިމަޖެންސީ ކޮށް ދިމާވާ ކަންކަން ކަމުގައި ވިޔަސް މިހެން ހުންނަ އެހީތެރިކަން ބޭނުންވާ ދިމަދިމާލަށް އެހީތެރިކަން ދެވޭގޮތަށް ކައުންސިލްގެ ބަޖެޓަށް މި އިތުރުވާ ފައިސާ ބޭނުން ކުރުން ލާޒިމްވާ ގޮތަށް އަޅުގަނޑުމެން ކައުންސިލްތަކަށް އިތުރުވާ ބަޖެޓު މި ހަމަޖައްސަނީ.“ ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށް އިޖްތިމާއީ ގޮތުން ކަންކަން ކޮށްދިނުމަށް ކައުންސިލްތަކަށް ގާނޫނުން މަތިކުރާކަން ފާހަގަކޮށް ރައީސް ވިދާޅުވީ މި ބަޖެޓަކީ އެ ޒިންމާ އަދާކުރުމަށް ދޭ ބަޖެޓެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ވެގެންދާނީ އެފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ކައުންސިލްތަކުން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ބަޖެޓަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ޤާނޫނު އަސާސީ އިސްލާހުކޮށް، ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ނިންމާފަ އެވެ. އެގެތެރެއިން އެންމެ ބޮޑު ބަދަލެއްގެ ގޮތުން މިހާރު އޮންނަ އަތޮޅު ކައުންސިލްތައް އުވާލުވުމަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެއިތުރުން ރަށްރަށުގެ ކައުންސިލްގެ ފުލްޓައިމް މެމްބަރުންގެ އަދަދު މަދުކުރުމަށް ހުށަހެޅުމުގެ ވިސްނުންތަކެއްވެސް ސަރުކާރުން ގެންގުޅެ އެވެ. ނަމަވެސް އަދި މިހާތަނަށް އެ އިސްލާހުތައް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އޮޅުވެލިފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ