ތާލިބާނުންނާއި ޕާކިސްތާނާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި ޕާކިސްތާނުގެ 58 ސިފައިން މަރާލާފައިވާ ކަމަށް ތާލިބާނުން ބުނެފި އެވެ.
އަފްޣާނިސްތާން އަދި ޕާކިސްތާނުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަންފަށާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެގޮތުން ދެ ގައުމު ގުޅޭ ބޯޑަރު ކައިރީގައި ވައިގެމަގުންނާއި އެއްގަމުންމަގުން ހަމަލާތައް ބަދަލުކޮށްފައިވެ އެވެ. މިހަމަލާތައް މިހާރު މެދުކަނޑާލާފައިވާ ކަމަށާއި، ހަމަލާތައް މެދުކަނޑާލީ ސައުދިއަރަބިއްޔާ އަދި ޤަތަރުގެ އެދުމުގެ މަތިންކަމަށް ތާލިބާން ސަރުކާރާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވެ އެވެ.
ތާލިބާން ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން ޒަބިހުﷲ މުޖާހިދުއާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ، ރޭގެ ހަމަލާތަކުގައި އަފްޣާނިސްތާނުން ޕާކިސްތާނުގެ އަސްކަރީ 25 ޕޯސްޓެއް ހިފާފައިވާ ކަމަށާއި އަދި ޕާކިސްތާނުގެ 58 ސިފައިން މަރާލާ 30 މީހުން ޒަހަމުކޮށްލާފައިވާ ކަމަށެވެ.
އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުގެ ޑިފެންސް މިނިސްޓަރާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ، އަފްޣާނިސްތާނާ ދެކޮޅަށް ދިން ހަމަލާތަކަށް ކާމިޔާބު ރައްދު ހަމަލާތަކެއް ދީފައިވާ ކަމަށާއި އަދި ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ. އަދި އަފްޣާނިސްތާނުގެ ސަރަހައްދަށް އެއްވެސްކަހަލަ ހަމަލާއެއްދީފިނަމަ ދިފާއުގައި ވަރުގަދަ ހަމަލާތައް ދޭނެކަމަށްވެސް ބުނެފައިވެ އެވެ.
ޕާކިސްތާނުގެ ހަމަލާތަކުގައި އަފްޣާނިސްތާނުގެ ސިފައިންގެ 9 މީހަކު މަރާލާފައިވާ ކަމަށާއި 16 މީހަކު ޒަހަމުވެފައިވާ ކަމަށްވެސް އަފްޣާނިސްތާނުގެ މީޑިއާތަކާ ހަވާލާދީ ބޭރު މީޑިއާތަކުންވަނީ ރިޕޯޓުކޮށްފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ އަފްޣާނިސްތާނުގެ ހަމަލާތައް ކުއްވެރިކޮށްފަ އެވެ. އަދި ޕާކިސްތާނަށް ދޭ ކޮންމެހަމަލާއަކަށް ވަރުގަދަ ރައްދު ހަމަލާ ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.