ވޯޓުލާންދާއިރު، އައިޑީ ކާޑު، ޕާސްޕޯޓު، ލައިސަންސް އަދި ޕާސްޕޯޓް ކާޑުގެ ޑިޖިޓަލް ފޯމެޓްގެ ބަދަލުގައި ވޯޓްލާން ބޭނުންވާނީ އޭގެ ކާޑު ކަމަށް އިލްކްޝަން ކޮމިޝަންގެ ސެކްޓްރީ ޖެނަރަލް އަބްދުﷲ އުނައިސް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ އާންމު ވޯޓާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ވާހަކަ ދައްކަވަމުން، އުނައިސް ވިދާޅުވީ، އެންމެ ފާހަގަކޮށްލެވޭ ކަމަކީ ވޯޓްލާން ގެންނަ ޑޮކިއުމެންޓްގެ މައްސަލަތައް އުޅޭ ކަން ކަމަށެވެ.
އެގޮތުން އައިޑީ ކާޑު، ޕާސްޕޯޓު، ލައިސަންސް އަދި ޕާސްޕޯޓް ކާޑުގެ ޑިޖިޓަލް ކާޑުގެ ބަދަލުގައި ވޯޓްލާން ބޭނުންވާނީ އޭގެ ކާޑު ކަމަށްވެސް އުނައިސް ވިދާޅުވި އެވެ.
”ބައެއް ބޭފުޅުން ވޯޓުލާން ވަޑައިގަންނަވާއިރު ކާޑު ފޯނުން ދައްކައިލުމަށް އީފާސް ޑިޖިޓަލް އައިޑީކާޑު ގެނައުމުގެ ކަންކަން އެބަ ދިމާވޭ، އެހެންވީމަ މިއަށް ސަމާލުކަން ދެއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސްކުރަން.“
މީގެ އިތުރުން، އުނައިސް ވަނީ ފަހު ވަގުތަށް ކިއުގައި މަޑު ނުކުރަށްވައި ވީހާވެސް ކުރިން ވަޑައިގެން ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލުހޯދުމަށް ނަގާ ވޯޓުގައި، ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބިފައިވެ އެވެ. މިއަދު ހެނދުނު 8 ޖެހިއިރު ވޯޓުލުން ފަށާފައިވާއިރު، ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 11 ޖެހުމާއި ހަމައަށް ވޯޓުލާފައިވަނީ 1189 މީހުން ކަމަށެވެ. އެއީ 534 އަންހެނުންނާއި 655 ފިރިހެނުންނެވެ. މިއީ ވޯޓުލެވޭ އާބާދީގެ %12.42 މީހުންނެވެ.
