އދ. ގެ ސައިބަރ ކްރައިމްއާ ދެކޮޅަށް ވެވޭ މުޢާހަދާ، ނުވަތަ ކޮންވެންޝަންގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ސޮއިކުރައްވައިފި އެވެ.
ބައިނަލްއަގުވާމީ ސައިބަރ ސެކިއުރިޓީގެ އެއްބާރުލުން ވަރުގަދަ ކުރުމަށްޓަކައި އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ މި މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ ޚަލީލް ވަނީ ރާއްޖޭގެ ޤައުމީ މަޞްލަޙަތުތައް ދެމެހެއްޓުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި މި ކޮންވެންޝަންގައި ބައިވެރިވެވަޑައިގެންފަ އެވެ.
މި ކޮންވެންޝަނަކީ ދުނިޔެއަށް ކުރިމަތިވަމުންދާ ސައިބަރ ކުށްތަކުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި ޤައުމުތަކުގެ މެދުގައި ހުރި ޤާނޫނީ އަދި ޖިނާޢީ އެއްބާރުލުން އިތުރުކުރުމަށް އެކުލަވައިލާފައިވާ މުހިއްމު އޮނިގަނޑެކެވެ. ރާއްޖެއިން މި މުޢާހަދާގައި ސޮއިކުރުމުގެ ސަބަބުން، ހުރަސްތައް ނައްތާލައި ބައިނަލްއަޤްވާމީ ފެންވަރުގައި ސައިބަރ ކުށްތައް ތަޙްޤީޤުކުރުމާއި، ކުށްވެރިން ހޯދައި އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ލުއިފަސޭހަކަން ލިބިގެންދާނެ އެވެ.
ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވަނީ އދ. ގެ ސައިބަރ ކްރައިމް ކޮންވެންޝަންގެ ހައި-ލެވެލް އޯޕަނިންގގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ތެރޭގައި ވިއެޓްނާމްގެ ރައީސް ލުއޮންގް ކުއޮންގް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް، އަދި އދ. ގެ ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އިދާރާ (UNODC) ގެ އެގްޒެކެޓިވް ޑައިރެކްޓަރ ޣާދާ ފާތީ ވަލީ ހިމެނިވަޑައިގަންނަވަ އެވެ.
އދ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސައިބަރ ކްރައިމް ސައިބާ ކުށްތައް
