މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކައި، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި އެވެ.
މި ލެޓަރ އޮފް އެކްސްޗޭންޖުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމާއެކު ޗައިނާގެ އެހީގައި ހިންގާ މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާ ކަމަށްވާ ޑިޒައިން މަސައްކަތް ފެށިގެން ދާނެ އެވެ.
މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ މަސައްކަތުގެ ތެރެއިން ޗައިނާ ސަރުކާރުން ފޮނުވި އެކްސްޕާޓް ޓީމުތަކުން ވަނީ، މަގުތަކުގެ މިހާރުގެ ހާލަތު ދެނެގަނެ، މަޝްރޫޢުއާ ގުޅުންހުރި ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް، ތަރައްޤީކުރާނެ ގޮތުގެ މައްޗަށް މަޢުލޫމާތު އެއްކޮށްފަ އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫޢު ހިންގުމަށް ހަމަޖައްސާފައި ވަނީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ އަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ލިބިވަޑައިގެންނެވި 130 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ) ގެ ހިލޭ އެހީގެ ތެރެއިން ނެވެ.
ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ