ހައްޖު ކޯޕަރޭޝަނުން ހަލާލު ޓޫރިޒަމްގެ ވިޔަފާރިކޮށްގެން ފައިސާ ހޯދުމަކީ ރަނގަޅު ސިޔާސަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް ހަލާލު ޓޫރިޒަމަށް އިންވެސްޓު ކުރުމަށް ހައްޖު ކޯޕަރޭޝަނުން ނިންމުމާ ގުޅިގެން، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)ގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު އޮންނަ ގޮތުން ހައްޖު ކޯޕަރޭޝަންގެ ބޯޑުން ނިންމާ އެ ކުންފުނީގެ އެތެރޭގެ ނިންމުންތަކުގައި އިސްލާމިކް މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯވެ އެވެ. ނަމަވެސް ހައްޖަށް ދިއުމަށް މީހުން ދައްކާ ފައިސާ، އިސްލާމީ ޝަރީއާ ހުއްދަ ކުރާ މަގުން އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”ހައްޖު ކޯޕަރޭޝަނުން ކުރާ އިންވެސްޓްމަންޓްތަކަކީ އެއްވެސް ޝުބުހައެއް ނެތް އިންވެސްޓްމަންޓްތަކަކަށް ވާން ޖެހޭނެ. އެހެނީ ހައްޖަކީ ނުހަނު މަތިވެރި އަޅުކަމަކަށް ވާތީވެ،“ މިނިސްޓަރު ވިދާޅުވި އެވެ.
ހަލާލު ޓޫރިޒަމަކީ އިސްލާމީ ސަގާފަތާ އެއްގޮތް މާހައުލެއްގައި، ވަކި އުސޫލުތަކެއްގެ ދަށުން ކުރެވޭ ކަމެއްކަން ފާހަގަކުރައްވަމުން، މިފަދަ އިންވެސްޓްމަންޓްތައް ކުރުމުގައި ޝަރުއީ ހަމަތަކަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ނިންމުންތަކުގައި އިސްލާމިކް މިނިސްޓްރީއަށް ބައިވެރިވެވޭ ގޮތަށް ބަދަލުކޮށް، އެކަމަށް ވަކި ގާނޫނެއް އެކުލަވާލުމަށް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންނެވި އެވެ.
ހައްޖު ކޯޕަރޭޝަން ރައްޔިތުންގެ މަޖިލިސް ކ. މާފުށި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް