ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްގީކުރާނީ މުޅި އަތޮޅަށްވެސް ފައިދާވާގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އެއަރޕޯޓު މަޝްރޫޢަކީ މުޅި އަތޮޅަށްވެސް މުހިންމު މަޝްރޫޢެއް ކަމަށާއި، އެކަން ސަރުކާރުން ކުރިއަށް ގެންދަވާނީ ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާވާނެ ގޮތެއް ބައްލަވައިގެން ކަމަށެވެ. އަދި މި ދަތުރުފުޅުގައި އެ މަސައްކަތް އިޢުލާނު ނުކުރެއްވި ނަމަވެސް، އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑަށް އެނގޭ މިރަށުގެ ރައްޔިތުންވެސް އެންމެ ބޮޑަށް އިންތިޒާރުކުރާ މަޝްރޫޢަކީ އެއަރޕޯޓު މަޝްރޫޢުކަން. އެމަސައްކަތް މިއަތޮޅުގައި ކުރިއަށްދާނެކަމުގެ ޔަގީންކަންދެން. ސަރުކާރުން އެ މަޝްރޫޢު ކުރިއަށްގެންދާނީ އިޤްތިޞާދީގޮތުން އެންމެ ރަނގަޅުގޮތެއް ބަލާފައި،“ ރައީސް ވިދާޅުވި އެވެ.
ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށް ފާހަގަކުރައްވައި، އެކަން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަޝްރޫޢުއާ ގުޅިގެން ހިތަދޫއިން ދެކޮޅުޖެހޭ މުހިންމު ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ހިތަދޫގައި ފެށި މަސައްކަތަކީ ކުރިއަށް އޮތްތަނުގައި އެރަށުގެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބިގެންދިޔަ ބާރެއްކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މާވަށު ރައްޔިތުން ބޭނުންވަނީ އެ ރަށު ފަޅު ހިއްކައިގެން އެއާޕޯޓް އެޅުމަށެވެ. ނަމަވެސް މާވަށާއި އެއްފަޅެއްގައި އޮންނަ ހިތަދޫ އަދި ކުނަހަންދޫ ރައްޔިތުން ބޭނުންވަނީ އެ ދެ ރަށުގެ މެދަށްވާގޮތަށް، ބިން ހިއްކައި އެއާޕޯޓް ތަރައްޤީކުރުމަށެވެ. ސަބަބަކީ އެ ފަޅުގެ ހިތަދޫ ފަޅީގަ ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުސަތު ބޮޑުވާނެތީވެ އެވެ. ނަމަވެސް ހިތަދޫ ސަރަހައްދު ހިއްކުމާއި ދެކޮޅަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން އަންނަނީ އަޑު އުފުލަމުންނެވެ. އެއީ ހިތަދޫގަ އޮންނަ ލޮނު ކުޅިއަށް، ބިން ހިއްކައިފިނަމަ އަސަރުކުރާނެކަމަށް ބުނެ އެވެ.
ލ. އަތޮޅުގައި މިހާރު އޮންނަނީ އެންމެެ އެއާޕޯޓެކެވެ.