މާވަށު ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް އަމަލީ ގޮތުން މި އަހަރުތެރޭ ފެށިގެންދާނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށު ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާވަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާ އެކުގައި ކަމަށެވެ. މިގޮތުން އިމާރާތުގައި ހަތަރު އެނދުގެ ވޯޑަކާއި، ނާސް ސްޓޭޝަނަކާއި، ޕަބްލިކް ހެލްތު ޔުނިޓް، ކޮންފަރެންސް ރޫމް، ލެބް، ލޯންޑްރީ އަދި ގަރާޖް، ސްޓޯރޭޖް ފަދަ ވަސީލަތްތައް ހިމެނޭނެ އެވެ.

”އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ހަވާލުކުރަން، ކުންފުންޏަކާއި ހަވާލު ކުރެވި ހަމަ މިއަހަރުތެރޭ އަމަލީ ގޮތުން މަޝްރޫއު ފެށިގެންދާނެ،“ ރައީސް ވިދާޅުވިއެވެ.

މާވަށަކީ ޖިއޮގްރަފީ ގޮތުން ބަލާއިރު ބަލި މީހަކު ގޮވައިގެން ދަތުރުފަތުރުކުރަން ދަތިތަކެއް ހުރި ރަށެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިއަންނަ އަހަރުގެ ކުރީކޮޅު ސީ އެމްބިއުލޭންސްގެ ހިދުމަތް އެ ރަށުގައި ގާއިމްކުރެވޭނެ ކަމަށެވެ.

މީގެއިތުރުން، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން ލޭންޑްޔޫސް ޕްލޭންގައިވާ ގޮތަށް ޒަމާނީ ފުޓުބޯޅަ ދަނޑެއްގެ އިތުރުން ހައުސިން މަޝްރޫއުވެސް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޒުވާނުންގެ އެދުމުގެ މަތިން ސްޕޯޓްސް ފިޝިން ބޮއެއް ވެސް ގާއިމްކޮށްދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. މާވަށް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ