ލ. އަތޮޅުގައި ގާއިމްކުރާ ދެވަނަ އެއާޕޯޓު ގާއިމްކުރާން ރަށެއް އެކި ގޮތްގޮތުން ވިސްނާ ވަޑައިގެންނެވުމަށްފަހު ސަރަހައްދެއް ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާވަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ގާއިމްކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި، އެއީ އެ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެއާޕޯޓު ގާއިމްކުރުމުގައި ދުރު ރާސްތާއަށް ވިސްނައި، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލްކުރެވޭނެ ގޮތަކަށް ކަންކަން ރޭވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން، ”ޓޫރިޒަމް ކުރިއެރުވުމަށް ބަލާއިރުވެސް އެންމެ ރަނގަޅު ގޮތުގައި ގިނަ ރިސޯޓްތަކެއް ތަރައްގީ ކުރެވެން އޮތް ހިސާބެއްގަ އޮތް ރަށެއްގެ ކައިރީގައި އެއާޕޯޓު އަޅަން ޖެހޭނީ“ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާޕޯޓު ގާއިމްކުރާނެ ސަރަހައްދަކާ މެދު މާ ލަސްތަކެއް ނުވެ ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި މި ކަމުގައި މާވަށުގެ ރައްޔިތުންގެ ވިސްނުމަށް ތާއީދުކުރައްވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
”އަޅުގަނޑު ހަމަ ގަބޫލުކުރަނީ ހަމަ ވަރަށް ވަރަށް ރަނގަޅު ވިސްނުމެއް، އަޅުގަނޑުވެސް ގަބޫލުކުރަން އެއީ ހަމަ ވަރަށް ބޮޑަށް ދެކޮޅުޖެހޭ ވިސްނުމެއް“ ކަމަށް ރައީސް ވިދާޅުވެ، ރައްޔިތުންގެ ވިސްނުމަށް އިހުތިރާމްކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރިޔާސީ ވައުދާ އެއްގޮތަށް އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަން ވެސް ރައީސް ޔަގީންކޮށްދެއްވި އެވެ.
މާވަށު ރައްޔިތުން ބޭނުންވަނީ އެ ރަށު ފަޅު ހިއްކައިގެން އެއާޕޯޓް އެޅުމަށެވެ. ނަމަވެސް މާވަށާއި އެއްފަޅެއްގައި އޮންނަ ހިތަދޫ އަދި ކުނަހަންދޫ ރައްޔިތުން ބޭނުންވަނީ އެ ދެ ރަށުގެ މެދަށްވާގޮތަށް، ބިން ހިއްކައި އެއާޕޯޓް ތަރައްޤީކުރުމަށެވެ. ސަބަބަކީ އެ ފަޅުގެ ހިތަދޫ ފަޅީގަ ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުސަތު ބޮޑުވާނެތީވެ އެވެ. ނަމަވެސް ހިތަދޫ ސަރަހައްދު ހިއްކުމާއި ދެކޮޅަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން އަންނަނީ އަޑު އުފުލަމުންނެވެ. އެއީ ހިތަދޫގަ އޮންނަ ލޮނު ކުޅިއަށް، ބިން ހިއްކައިފިނަމަ އަސަރުކުރާނެކަމަށް ބުނެ އެވެ.
ލ. އަތޮޅުގައި މިހާރު އޮންނަނީ އެންމެެ އެއާޕޯޓެކެވެ.