ށ. ނަރުދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މުހިންމު ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައި، އިތުރު އެއް މަޝްރޫއުއެއްގެ ބިންގާ އަޅައިފި އެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަމަލީ މަސައްކަތް ފަށާފައިވާ ދެ މަޝްރޫއަކީ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒާއި ފުލުހުންގެ މަރުކަޒެވެ. މީގެ އިތުރުން އެ ރަށުގައި ގާއިމްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް މިއަދު ވަނީ އަޅާފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް މުއިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ވޭސްޓް މެނޭޖްމެންޓް ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް އިބްރާހިމް އެވެ. ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ހަށިހެޔޮކަމާބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި ރަސްމިއްޔާތުތަކުގައި މިލަންދޫ ދާއިރާގެ މެންބަރު، ނަރުދޫ ކައުންސިލްގެ ރައީސް، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް ފެށުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ނަރުދޫ ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، މުވައްސަސާތަކުގެ އިސްވެރިންނާއި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.