ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވެ، 4 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ބައްސާމްގެ މައްޗަށް ތުހުމަތުކުރެވުނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށެވެ. މި ފައިސާގެ ބޮޑު ބައެއް ބައްސާމް އާއި އޭނާގެ އަނބިކަނބަލުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކުރި ކަމަށާއި، 2،000 ޑޮލަރު ބޭނުންކޮށްގެން ރެހެންދި ފްލެޓުގެ ކުލި ދެއްކި ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ.
މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، ”އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ“ ކަމަށެވެ. އަދި އެއީ އެފްއޭއެމްގެ ރައީސްގެ އެލަވަންސްގެ ފައިސާ ކަމަށް ބައްސާމް ބުނި ނަމަވެސް، އެ ފައިސާ ޖަމާވުމުގެ ކުރިން ރައީސްގެ އެލަވަންސް ޖަމާކޮށްފައިވާތީ، އެއީ އެލަވަންސްގެ ފައިސާ ނޫންކަން ކަށަވަރުވާ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
މި މައްސަލައިގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަސް ކަމުގައިވީ ނަމަވެސް، ބައްސާމްގެ ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓުން އޭނާގެ މުސާރައާ ނުބައްދަލު އަދަދަކަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާތީ، އަދަބު މަތިކުރުމަށް ފަނޑިޔާރަށް ލިބިގެންވާ ބާރުގެ ދަށުން، އެންމެ މަތީ އަދަބު ކަމުގައިވާ 4 އަހަރަށް ޖަލަށްލުމަށް ހުކުމްކުރެއްވި އެވެ.
އަދަބު ކަނޑައެޅުމުގެ މަރުހަލާގައި ބައްސާމްއަށް ވާހަކަދައްކަން ޣާއްޒީ ފުރުސަތު ދެއްވިނަމަވެސް އޭނާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހިޔާނާތުގެ ދައުވާގެ އިތުރުން، މަނީ ލޯންޑަރިންގ ގެ ދައުވާވެސް ދައުލަތުން ބައްސާމްގެ މައްޗަށް ކުރި އެވެ. ނަމަވެސް މަނީ ލޯންޑަރިންގ ބައިގަ މިއަދު ހުކުމް އިއްވާފައެއް ނުވެ އެވެ. މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.