ލ. ގަމުގައި 6 މީހެއް މެދުގައި ހިނގި މާރާމާރިއެއްގައި އެކަކަށް ވަޅިން ހަމަލާދީ، ތިން މީހަަކު ޒަހަމްކޮށްލައިފި އެވެ.
މި ހާދިސާގައި އަނިޔާވި 4 މީހުންނަށް މިވަގުތު ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެއެވެ.
’ޖަވިޔަނި‘ ގެ ރިޕޯޓަރު ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މާރާމާރީގައި އަނިޔާވެފައިވަނީ 3 ފިރިހެނުންނާއި 1 އަންހެނަކަށެވެ. އޭގެ ތެރެއިން އެކަކަށް ވަޅިން ހަމަލާދީފައިވާއިރު، އެހެން ތިން މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެއެވެ.
މި ހާދިސާގައި ވަޅިން ހަމަލާދިން ފަރާތާއި އިތުރު މީހަކު ފިލާފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
މި މާރާމާރީއާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ހާދިސާގައި އަނިޔާވި މީހުންގެ ޞިއްޙީ ހާލަތާ ބެހޭ އިތުރު މަޢުލޫމާތެއްވެސް އަދި ލިބިފައެއް ނުވެ އެވެ.