އދ. އޮމަދޫގައި މިވަގުތު މަޑުޖެހިފައިވާ ފެނުގެ ނިޒާމު ޤާއިމުކުރުމާއި ބަނދަރުގެ މަޝްރޫޢު ރައްޔިތުން އެދޭގޮތަށް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު، ސަރުކާރުގެ ފަރާތުން ދައްކަންޖެހޭ ހުރިހާ ފައިސާއެއްވެސް ދައްކާ ޚަލާސްކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަޝްރޫ އަވަހަށް ނިންމުމަށް ކޮންޓްރެކްޓަރަށް ބާރުއަޅުއްވާނެކަމަށާއި، ބަނދަރުގެ މަޝްރޫވެސް އަވަހަށް ނިންމާލުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ރައީސް މުއިއްޒު ދެއްވާފައިވެ އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ މުހިންމު ޒިންމާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ވީހާވެސް އަވަހަކަށް ފުއްދަވައިދެއްވުމަށް ކަމަށެވެ. އަދި އޮމަދޫގައި މިއަދު ފެށުނު މަޝްރޫތަކަކީވެސް ސަރުކާރުން އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާނެ މަޝްރޫތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
އޮމަދޫގައި ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށްޓަކައި އަންނަ އަހަރުގެ ކުރީކޮޅު ޑޮލަރު އޭޓީއެމްއެއް ބެހެއްޓޭނެކަމަށް ރައީސް އިއުލާންކުރެއްވި އެވެ. އަދި ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް މިއަހަރާއި އަންނަ އަހަރު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އޮމަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، އޮމަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި ކުޑަދޫފަޅާއި އަރިއަތޮޅު ދެކުނުބުރީގެ ދެ ފަޅެއް އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެތަންތަން ކައުންސިލާ ހަވާލުކޮށްދެއްވާފައިވެ އެވެ.