އދ. ދިގުރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލަ ހައްލުކުރުމަށް، ރައްޔިތުން އެދޭގޮތަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އދ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިގުރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ، ރަށުގެ މިހާރުގެ ލޭންޑް ޔޫޒް ޕްލޭނާއި އެކަމަށް ހެދިފައިވާ އުސޫލަކީ އެންމެ ފުރިހަމަ އެއްޗެއް ނޫން ކަމަށެވެ. އިތުރު 50 ގޯތި ދެވޭވަރަށް ލޭންޑް ޔޫޒް ޕްލޭން އިސްލާހުކޮށް، އެކަމާގުޅޭ އުޞޫލު އެކުލަވާލުމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ގޯތި ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ހައުސިންގ މިނިސްޓްރީން އާ އުސޫލެއް އެކުލަވާލައި ކައުންސިލާ ހިއްސާކުރާނެ ކަމަށާއި، އެ އުސޫލު ރައްޔިތުންނާ ހިއްސާކޮށް، އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއެކު ފައިނަލްކުރުމަށް ކައުންސިލަށް އިރުޝާދު ދެއްވާފައިވެ އެވެ.
ދިގުރަށުގެ ތަރައްގީއަށް ކުރިއަށް އޮތް އަހަރު ހިންގުމަށް ރޭވިފައިވާ މަޝްރޫތަކުގެ ތެރޭގައި، ރަށުގައި މަސައްކަތްކުރާ ބޭރު މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއް އެޅުމާއި، ފުޓުބޯޅަ ދަނޑެއް ތަރައްގީކުރުން ހިމެނެ އެވެ. މީގެއިތުރުން، ދިގުރަށު މަގުހެދުމުގެ މަޝްރޫއާއި ސްކޫލްގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކުރެވިފަ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި، ދިގުރަށު ޕޮލިސް ޕޯސްޓާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި، އދ. ދަނގެތީ ސިއްހީ މަރުކަޒުގެ އާ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައިވެ އެވެ.
