އދ. އޮމަދޫގެ އިހުތިސޯސްގައި އެ ރަށާ ކައިރީގައި އޮންނަ ތިން ފަޅެއް ހިމަނައިފި އެވެ.
މިއީ އޮމަދޫގައި ފަތުރުވެރިކަން ކުރިއަރުވައި، އެ ރަށުގެ އިޤްތިޞާދަށް ފައިދާވާނެ އިތުރު މަސައްކަތްތައް ހިންގުމަށްޓަކައި އެރަށުގެ އިހުތިސޯސްގައި ހިމެނި ތިން ފަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރެއްގައި، އދ. އަތޮޅުގެ ކޯޑު ނަންބަރު RF1330 ފަޅާއި ކުޑަދޫ ފަޅު އަދި ކޯޑު ނަންބަރު RF1329 ފަޅު އޮމަދޫގެ އިހުތިސޯސްގެ ތެރޭގައި ހިމެނުމަށް ވަނީ ނިންމަވާފަ އެވެ.
ރައީސް އޮފީހުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އޮމަދޫގައި ފަތުރުވެރިކަމާއި އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.
މި ތިން ފަޅު އޮމަދޫގެ އިހުތިސޯސްގައި ހިމެނުމަށް ނިންމަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓަށް ބަދަލު ގެނެސްފައިވާއިރު ރައީސް މުއިއްޒު މިހާރު އަންނަނީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އޮމަދޫއަށްވެސް ވަޑައިގަންނަވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އޮމަދޫ އދ. އޮމަދޫ ކައުންސިލު