ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިމަހުގެ މިހާތަނަށް 340 ބިދޭސީއަކު ރާއްޖެއިން ފޮނުވާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރަމުންގެންދާ ބިދޭސީން ހޯދައި އެމީހުން ފޮނުވާލުމުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި އޮޕަރޭޝަނުގެ ދަށުން ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި މާލެއިން އެކަނިވެސް 474 ވިޔަފާރިއެއް ބަލާފާސްކޮށްފައިވެ އެވެ. މި މަސައްކަތުގެ ތެރެއިން 959 ބިދޭސީންގެ މައުލޫމާތު ބެލުމަށްފަހު، ނުގަވައިދުން އުޅުނު 108 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް ރައީސް ހާމަކުރެއްވި އެވެ.
”އެމީހުން ޑިޕޯޓް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. އަޅުގަނޑުމެން ބޭނުމެއްނޫން ދިވެހިންގެ މަސައްކަތުގެ ތެރެއަށް އެމީހުން އައިސް މިގޮތަށް އުޅޭކަށް،“ ރައީސް ވިދާޅުވި އެވެ.
މިމަހުގެ މިހާތަނަށް 110 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްފައިވާއިރު، ޑިޕޯޓްކުރަން ތައްޔާރުވަމުންދަނިކޮށް އަމިއްލައަށް އެދިގެން 230 މީހަކު އެމީހުންގެ ގައުމަށް ފޮނުވާލާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ގައުމީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާކަން ރައީސް މުއިއްޒު ހާމަ ކުރެއްވީ މިމަހުގެ 21 ވަނަ ދުވަހު ފ. ނިލަންދޫގައި ބޭއްވި ޖަލްސާގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިދޭސީން ބިދޭސީންގެ މައްސަލަ އިމިގްރޭޝަން ތ. ގުރައިދޫ