ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު 7-1 ގެ ނަތީޖާއަކުން ކްލަބް ވެލެންސިއާ ބަލިކުރުމަށްފަހު އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ އޮޑިން ވަނީ ލީގުގެ ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފަ އެވެ. އޮޑި އެއްވަނައިގައި އޮތީ ޖުމްލަ ހަ ޕޮއިންޓާއި ފައިދާ 10 ލަނޑާއެކު އެވެ.
އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެފަ އެވެ. އެގޮތުން، މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ވަނީ ހަތަރު ލަނޑު ޖަހައި ބޮޑު ލީޑެއް ހޯދާފަ އެވެ.
މެޗު ފެށިގެން 10 ވަނަ މިނެޓުގައި އޮޑިގެ ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލައުކްޒެމިސް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ވަނީ ލަނޑެއް ޖަހައި އޮޑި އަށް ލީޑު ފުޅާކޮށްދީފަ އެވެ. އެޔަށްފަހު، މެޗުގެ 20 ވަނަ މިނެޓުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އޮޑިގެ ތިންވަނަ ލަނޑު ޖެހިއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ އިބްރާހިމް އިމްރާން (އިންމި) އެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ކަރޮލިސް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ވެލެންސިއާގެ ހަމައެކަނި ލަނޑު، މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ބަދަލަކަށް ކުޅެން ނިކުތް އަބްދުލް ސަމީއު ހަސަން އެވެ. އޭނާ ލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވަނީސް މުޒްދާން ހަސަން ވަނީ އޮޑިގެ ހަތްވަނަ ލަނޑު ޖަހާފަ އެވެ.
