ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ޖެނެރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންސްފޯމަރު ތިންވަނަ ފަރާތެއް މެދުވެރިކޮށް ގަތުމުގެ ސަބަބުން ފެނަކައިން 287 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހުނުކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ އޮޑިޓް އޮފީހުން ރޭ ދަންވަރު ނެރުނު ފެނަކައާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުންނެވެ.
މި ރިޕޯޓުގައި ބުނެފައިވަނީ ތިންވަނަ ފަރާތެއް މެދުވެރި ނުކޮށް ޖެނެރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންފޯމަރު ފަދަ ތަކެތި ރާއްޖެއިން ބޭރުން ގަތުމުން އެފަދަ ތަކެތި ގަތުމަށް ފެނަކައިން ކުރާ ހަރަދު ކުޑަ ކުރެވޭނެކަން ފާހަގަ ކުރެވޭ ކަމަށެވެ.
ފެނަކައިން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އެ ތަކެތި އާންމުކޮށް ގަނެފައިވަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ތަކެތި ގަތުމަށް ހަވާލު ކުރާ ކުންފުނިން އެތަކެތި ރާއްޖެއަށް އެތެރެ ކުރަނީ ފެނަކައިގެ ނަން މަތީގައިކަމަށް ރިޕޯޓުގައިވެ އެވެ. މި މުއްދަތުގައި ފެނަކައިން ގަނެފައިވާ ޖެނެރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންސްފޯމަރުތައް ސަޕްލައި ކުރުމަށް ކޮންޓްރެކްޓަރުންނާއެކު ހެދި އެއްބަސްވުންތަކުގެ ދަށުން ސަޕްލައި ކުރި ޖެނެރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންސްފޯމަރުތައް ރާއްޖެއަށް އެތެރެ ކުރި އަގަށް ބަލާއިރު އެ ތަކެތި ފެނަކައަށް ވިއްކާފައިވަނީ އެވަރެޖްކޮށް މުދާ ގަންނަން ލިބުނު އަގުގެ 2 ގުނަ އަގުގައިކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޮންޓްރެކްޓަރުން ފެނަކައަށް އެވަރެޖްކޮށް ތަކެތި ވިއްކާފައިވަނީ 40 އިންސައްތައާއި 55 އިންސައްތައާއި ދެމެދުގެ ޕްރޮފިޓް މާޖިންއެއްގައި ކަމަށެވެ.
ތަކެތި ގަތުމަށް ފެނަކައިން ހަރަދު ކުރި އަދަދު
ކޭބަލް ގަތުމަށް ހެދުނު 163 އެއްބަސްވުން
- ކޮންޓްރެކްޓަރުން ތަކެތި ވިއްކި އަގު: 362،881،012 ރުފިޔާ
- ސީއައިއެފް އަގު: 204،599،066 ރުފިޔާ
- އަގުގެ ތަފާތު: 158،281،946 ރުފިޔާ
ޖެނެރޭޓަރު ގަތުމަށް ހެދުނު 32 އެއްބަސްވުން
- ކޮންޓްރެކްޓަރުން ތަކެތި ވިއްކި އަގު: 128،974،510 ރުފިޔާ
- ސީއައިއެފް އަގު: 67،168،464 ރުފިޔާ
- އަގުގެ ތަފާތު: 61،806،046 ރުފިޔާ
ޓްރާންސްފޯމަރު ގަތުމަށް ހެދުނު 34 އެއްބަސްވުން
- ކޮންޓްރެކްޓަރުން ތަކެތި ވިއްކި އަގު: 109،455،271 ރުފިޔާ
- ސީއައިއެފް އަގު: 42،412،266 ރުފިޔާ
- އަގުގެ ތަފާތު: 67،043،004 ރުފިޔާ
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ހަރުދަނާ ޕްރޮކިއުމެންޓް ޕްލޭނެއްގެ ދަށުން ދުރާލާ ރޭވިގެން ތިންވަނަ ފަރާތެއް މެދުވެރިނުކޮށް ފެނަކައަށް ބޭނުންވާ ޖެނެރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންސްފޯމަރު ފަދަ ތަކެތި ރާއްޖެއިން ބޭރުން ގެނައުމުގެ ފުރުސަތު ފެނަކައަށް އޮތް ކަމަށެވެ. އެ އުސޫލުން މިފަދަ ތަކެތި ރާއްޖެއިން ބޭރުން ގެނައުމުން އެތަކެތި ގަންނަން ކުރާ ހަރަދު ކުޑަ ކުރެވި ކުންފުންޏަށް މާލީ ފައިދާ ލިބިގެންދާނެކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ފެނަކަ ފެނަކަ ހިޔާނާތް ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު