އަނގަތެރޭގައި މަސްތުވާތަކެތި ބަހައްޓައިގެން ރާއްޖެ އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން މީނާގެ ބަންދަށް ފުރަތަމަ ދީފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު އޭނާގެ ބަންދަށް ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއްދީފަ އެވެ.
މީނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވަނީ ކުށަށް އިއުތިރާފުވެ މިނާ ތަހުގީގަށް ދީފައިވާ ބަޔާނާއި، ތަހުގީގާއި ގުޅޭ އެހެން ލިޔުންތަކާއި ތަހުގީގު ބަޔާންތައް ހެކީގެ ގޮތުގައި ބަންދު އަޑުއެހުމަށް ހުށަހަޅާފައިވާތީ އެވެ.
ބަންދު އަމުރުގައި ބުނެފައިވަނީ، މީނާ ރާއްޖެއިން ބޭރުން އައިއިރު މީނާގެ އަނގައިގެ ތެރޭގައި ފޮރުވައިގެން ގެނެސްފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 2 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. މި އަމަލު މީނާ ހިންގާފައިވާގޮތަށް ބަލާއިރު، ފެނުނު މަސްތުވާތަކެތީގެ ބަރުދަން ލުއިނަމަވެސް މީނާ ބަންދުން ދޫކޮށްލައިފިނަމަ މިފަދަ ކުށެއް ތަކުރާރުކޮށްފާނެކަމަށް ބެލެވޭ ކަމަށް އަމުރުގައި ބުނެފިވެ އެވެ. އަދި މިއީ ގިނަ އަދަދަކަށް މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ބޭނުމުގައި ޓެސްޓަކަށް ކުރިކަމެއްކަމަށް ބުރަވެވޭ ކަމަށްވެސް ބުނެފައިވެ އެވެ.