ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދައިފި އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ އޮޑިން ވަނީ މި ފަހުން ބޭއްވި މުބާރާތްތަކުގައި ރަނގަޅު ނަތީޖާއެއް ނެރެފަ އެވެ. އެގޮތުން، އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށްފަހު އެވެ. އަދި އޮޑިން ވަނީ މިއަހަރު ކުރިޔަށްދިޔަ ލީގު ކަޕުގެ ރަނަރަޕްކަން ވެސް ހޯދާފަ އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ވަނީ ލަނޑެއް ޖަހައި އޮޑި އަށް ކުރިހޯދަދީފަ އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ލަނޑު ޖަހައި އޮޑިއަށް ލީޑު ފުޅާކޮށްދީފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު އޮޑިން އިތުރު ލަނޑެއް ޖެހުމާއެކު މެޗުގެ ޓެމްޕޯއަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.
މެޗުގެ 76 ވަނަ މިނެޓުގައި އޮޑިގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ބަދަލަކަށް ކުޅެން ނިކުތް އަހުޒަމް ރަޝީދު (އަހު) އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް މުޒްދާން ހަސަން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ. މުޒްދާން އަކީވެސް ދެވަނަ ހާފުގައި ކުޅެން ނިކުތް ޒުވާން ކުޅުންތެރިއެކެވެ.
