ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފި އެވެ.
މި ބިލަކީ 2025 ސެޕްޓެންބަރު 15 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވުނު ޖަލްސާއިން ފާސްކުރެވުނު ބިލެކެވެ.
މި ބިލުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަންވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި ޤާނޫނުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރު އަދި ޒިންމާތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން މިފަދަ ވޯޓުތައް ނެގުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އެހެނިހެން ކަމާގުޅޭ އެންމެހައި އިޖުރާއަތުތައްވެސް މި ޤާނޫނުގައި ހިމަނާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި ޤާނޫނަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފަ އެވެ. މި ޤާނޫނުގެ ސަބަބުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް