ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓްގެ ތެރެއިން މިހާތަނަށް 3164 އެގްރީމެންޓްގައި ސޮއި ކުރެވިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފި އެވެ.
އެފްޑީސީން މިދިޔަ ހުކުރުގައި ބުނެފައިވަނީ އެ ވަގުތަށް ސޮއިކުރެވިފައިވަނީ 3119 އެގްރިމެންޓުގައި ކަމަށެވެ. އެހެންކަމުން މިދިޔަ ހަފްތާގައި އިތުރު 45 އެގްރީމެންޓުގައި ސޮއިކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރި އެވެ.
އެފްޑީސީން ދެމުންދާ މައުލޫމާތުގައި، ދުވާލަކު 116 އެގްރީމެންޓްގައި ސޮއި ކުރުމަށް ޝެޑިއުލް ކުރާ ކަމަށާއި، އޭގެ ތެރެއިން އެވްރެޖްކޮށް ދުވާލަކު 110 އެގްރީމެންޓްގައި ސޮއިކުރެވޭ ކަމަށް ބުނެފައިވެ އެވެ. މި ދުވެލީގައި މަސައްކަތް ކުރިއަށްދާނަމަ، 4000 ފްލެޓްގެ އެގްރީމެންޓްތަކުގައި މި މަހުގެ ނިޔަލަށް ސޮއިކޮށް ނިމޭނެ ކަމަށްވެސް އެފްޑީސީން ބުނެފައިވެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ހިއްސާކުރަމުންދާ މިންވަރަކުން، އެ ފަރާތްތަކުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ ކަމަށާއި، އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެފްޑީސީން ބުނެފައިވެ އެވެ. ނަމަވެސް އެފްޑީސީން ފޮނުވާ އެސްއެމްއެސްގައި ލިންކެއް ނުހިމެނޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ.
އެފްޑީސީން މިހާރު ވަނީ ބައެއް ޔުނިޓްތައް ލިބުނު ފަރާތްތަކާއި ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ހައުސިންގ ޔުނިޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައިވާ ކަމަށް އެފްޑީސީން ބުނެފައިވެ އެވެ. މި ފްލެޓްތައް ހަވާލުކުރެވޭނީ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާ ނިމިފައިވާ ފަރާތްތަކަށެވެ.