ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ޝަމްއާނަށް ކުރާ ދައުވާގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 15:30 އަށެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ހަތަރު މީހަކު ހައްޔަރު ކޮށްފައިވެ އެވެ. މި މައްސަލައިގައި ޝަމްއާން ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ:
- ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
- މަނީ ލޯންޑްރިންގެ ދައުވާ
ޝަމްއާންގެ މައްޗަށް މި ދައުވާތައް ކޮށްފައިވަނީ ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށް، ގަވައިދާ ހިލާފަށް ބިދޭސީއަކު ހިފަހައްޓައި އޭނާގެ އަތުން ފައިސާ ނެގި މައްސަލައިގަ އެވެ.
އެގޮތުން ޝަމްއާންގެ އެންގުމަށް ބިދޭސީ މީހާގެ އަތުން 500،000 ރުފިޔާ އަތުލައި، އޭގެތެރެއިން 400،000 ރުފިޔާ ބަލައިގަނެ އަތުގައި ބެހެއްޓުމަށްފަހު، އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން ޝަމްއާންގެ ނަމުގައިވާ 2 ސްޓޫޑަންޑް ލޯންއަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކްގެ އެއް ލޯން އެކައުންޓަށް 149،491.46 ރުފިޔާ އަދި އަނެއް ލޯން އެކައުންޓަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޕީޖީން ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓު މުހައްމަދު ޝަމްއާން ވަހީދު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)