ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލު ކުރަން ފަށާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ވަގުތީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން އެ ބިންތައް ދޫކުރެވޭނެ އެވެ.
މި ސަރުކާރުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގޯތި ލިބޭ ތަންތަން އަލުން ކަނޑައެޅުމަށްފަހު، މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެ އެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތަފްސީލު:
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރޭގައި 1250 އަކަފޫޓުގެ 684 ގޯތި، 1650 އަކަފޫޓުގެ 1242 ގޯތި، 2050 އަކަފޫޓުގެ 923 ގޯތި، 2450 އަކަފޫޓުގެ 479 ގޯތި، 2850 އަކަފޫޓުގެ 158 ގޯތި، 3250 އަކަފޫޓުގެ 49 ގޯތި އަދި 3650 އަކަފޫޓުގެ 22 ގޯތި ހިމެނެ އެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު، އެ ސަރަހައްދުގައި ސޯޝަލް ހައުސިންގ އަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވާއިރު، އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ ބިންތައްވެސް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ސްކޫލްތަކާއި، ސިއްހީ ޚިދުމަތްދޭ ތަންތަނާއި، އިންޑަސްޓްރިއަލް މަސައްކަތްކުރާނެ ސަރަހައްދުތަކާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ބޭނުންވާ ބިންތައް ހިމެނެ އެވެ.
ބިންވެރިޔާ ސްކީމް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިފަޅު