ނ. މަނަދޫގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޘީމެވެ.
71 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ ޚަރަދު ހިނގާނެ މި މަޝްރޫޢުގެ ދަށުން، މިހާރު މަނަދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުގައި ކޮންވެންޝަނަލް ގްރެވިޓީ ސިސްޓަމެއް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން ނަރުދަމާ ހޮޅި އެޅުމާއި، ޕަންޕިންގ ސްޓޭޝަން އަދި ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
އާރްޑީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 700 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަޝްރޫޢުގެ ދަށުން އައުޓްފްލޯއެއް އެޅުމާއި، އެއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައްވެސް ކުރެވޭނެއެވެ.
މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ ޖުލައި މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި، ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނ. މަނަދޫ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ