ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑް އެއްގެ ތެރެއިން ހަތަރު ބިދޭސީ އަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި އިއްޔެ މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާ އެކޮމޮޑޭޝަން ބްލޮކެއް ވަނީ ބަލައިފާސްކޮށްފައެވެ. މި ރެއިޑުގައި ހައްޔަރުކުރި ހަތަރު ބިދޭސީންގެ އަތުގައި ސައްހަ ވިސާއެއް ނެތްކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަކީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ ކަމާ ބެހޭ އިދާރާތަކާއި އެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެވިފައެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވެސް މި މައްސަލަ ހައްލުކުރުމަށް ”އޮޕަރޭޝަން ކުރަނގި“ ގެ ނަމުގައި ބިދޭސީންގެ ބައޯ މެޓްރިކްސް ހޯދުމުގެ މަޝްރޫއެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
މި މަޝްރޫއުގެ ދަށުން، ބިދޭސީން ގެންނަ ފަރާތްތަކުގެ އިހުމާލުން ގަވާއިދާ ހިލާފުވެފައިވާ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ހަ މަހުގެ މުއްދަތެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިއީ މި މައްސަލަ ހައްލުކުރުމަށް އެޅޭ އިތުރު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
