ކޮޓަރީގައި، ކުރުނބާ ފަނި ގިރައި، ފިހާރަތަކަށް ކުރުނބާ ފަނި ފުޅި، ޑެލިވަރީ ކުރަމުން ދިޔަ ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ބަންގްލަދޭޝަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށެވެ.
ފުލުހުން ބުނީ، އެ މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައީ، އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކުރުމަށް ފަހުގައި ކަމަށެވެ.
އެތަނުން ގިނަ އަދަދެއްގެ ކުރުނބާއާއި ހުސް ފުޅި ފެނިފައިވާ ކަމަށާއި، އެ ތަނަކީ، ކުރުނބާއާއި ކުރުނބާ ފަނި ހަދައިގެން ފިހާރަތަކަށް ޑެލިވަރީކޮށްދޭ ތަނެއްކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފާއިތުވި އަހަރުގެ ތެރޭގައި ވެސް އިމިގްރޭޝަނުން ވަނީ މިފަދަ އެތައް އޮޕަރޭޝަނެއް ހިންގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފަ އެވެ. އަދި މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ހިންގާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.


