އިސްރާއީލުގެ ހަމަލާ ކުށްވެރިކޮށް، ދިވެހިން ޤަތަރާއެކު ތިބިކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ހަމަލާ ކުށްވެރިކޮށް، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ ވިދާޅުވީ އިޒްރޭލުގެ މި ޢަމަލާއަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، އަދި ކަނޑައެޅިގެން ޤަޠަރުގެ ސިޔާދަތާއި ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެ ދެމިއޮތީ ޤަޠަރާ އެކުގައި ކަމުގެ ޔަޤީންކަން ދެއްވައި، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި ޤަވާއިދުތަކާ ޚިލާފަށް އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް، ގުޅިފައިވާ ރޫޙެއްގައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.

އިސްރާއީލް ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޝިން ބެޓް ސެކިއުރިޓީ އޭޖެންސީއާ ގުޅިގެން އެމީހުންގެ އެއަރ ފޯސްއިން ވަނީ ޤަޠަރުގެ ވެރިރަށުގައި ހަމާސްގެ އިސް ލީޑަރޝިޕްއަށް އަމާޒުކޮށް ހަމަލާއެއް ދީފައެވެ. މި ހަމަލާ އައިސްފައިވަނީ އިސްރާއީލް މިލިޓަރީ ޗީފް އެޔަލް ޒަމީރު ބޭރު ގައުމުތަކުގައި ދިރިއުޅޭ ހަމާސްގެ ލީޑަރުން މަރާލާނެކަމަށް ބިރުދެއްކުމަށްފަހުގައެވެ. ނަމަވެސް މި ހަމަލާގައި ހަމާސް ލީޑަރުން ޝަހީދުކޮށްލެވިފައެއް ނުވެއެވެ.

ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން މާޖިދް އަލް އަންސާރީ ވިދާޅުވެފައިވަނީ، ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރުން ދިރިއުޅޭ ރެސިޑެންޝަލް ޢިމާރާތްތަކަށް ދިން މި ހަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ”މި ހަމަލާއަކީ ހުރިހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފު ކަމެއް“ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާއަކީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ މުހިންމު މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ޤަޠަރަށް އިސްރާއީލުން ދިން ފުރަތަމަ ހަމަލާއެވެ. ޤަޠަރު ދައުލަތުން ބުނެފައިވަނީ މި ބިރުވެރި އިސްރާއީލީ އަމަލުތަކާއި، ސަރަހައްދީ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ގަތަރް ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ