ބައްސާމްގެ މައްސަލައިގެ ހެކިބަސް ނެގުން ނިމިއްޖެ، ބާކީ 3 އަޑުއެހުން

Advertisement

އެންމެ ފަސް

Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިންގާ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައި ހެކި ބަސް ނެގުމުގެ މަރުހަލާ ނިމިފައިވާއިރު މި މައްސަލައިގައި ދެން އޮތީ އިތުރު ތިން އަޑުއެހުން ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ އެވެ. މި ފައިސާގެ ބޮޑު ބައެއް ބައްސާމް އާއި އޭނާގެ އަނބިކަނބަލުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކުރި ކަމަށާއި، 2،000 ޑޮލަރު ބޭނުންކޮށްގެން ރެހެންދި ފްލެޓުގެ ކުލި ދެއްކި ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެއްވި އެފްއޭއެމްގެ އެކްސްކޯ މެންބަރު އަހުމަދު ޝަކީބް ވިދާޅުވި ގޮތުގައި، ބައްސާމަށް މަހަކު 3،000 ޑޮލަރުގެ އެލަވަންސެއް ދިނުމަށް އެފްއޭއެމްގެ އެމަޖެންސީ ކޮމިޓީން ނިންމާފައިވީ ނަމަވެސް، އެ ފައިސާ ގަވާއިދުން ޖަމާކުރަމުން ދިޔަކަން އެނގިވަޑައެއް ނުގަންނަވަ އެވެ. އަދި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކާ ގުޅިގެން އެކްސްކޯ މެންބަރުންގެ އެލަވަންސް ގަވާއިދުން ނުދޭ ކަމަށް ވެސް ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވި ގޮތުގައި، ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މި މަހުގެ 23 ވަނަ ދުވަހު އަޑުއެހުމެއް އޮންނާނެ އެވެ. އަދި ހުލާސާ ބަޔާން ދެ ފަރާތުން އިއްވުމަށް މި މަހުގެ 29 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ހުލާސާ ބަޔާނަށް ފަހު ދެން އޮންނާނީ ހުކުމް އިއްވުމެވެ.

މި މައްސަލައިގެ އިތުރުން، ބައްސާމްގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ހިޔާނާތާއި މަނީ ލޯންޑަރިންގގެ ދައުވާ ދައުލަތުން ކޮށްފަ އެވެ.

ބައްސާމް އަދިލް ޖަލީލް ކްރިމިނަލް ކޯޓު އެފްއޭއެމް ފީފާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ