ހައުސް ބިލް އޮފް ލޭޑިންގެ މަޢުލޫމާތު ޓްރޭޑިއަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފިއެވެ.
ކަސްޓަމްސްގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ފްރައިޓް ފޯވާޑަރުން މެދުވެރިވެގެން ކަނޑު މަގުން ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖެއިން މުދާ ބޭރުކުރާ ހާލަތްތަކުގައި، ކަސްޓަމްސް އާންމު ގަވާއިދުގެ ނުވަވަނަ ބައިގެ ތިންވަނަ ބާބުގެ ދަށުން، އެފަރާތްތައް ކާގޯ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ކުރަންޖެހެއެވެ.
އެ ގަވާއިދުގެ ދެވަނަ ބައިގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި ހައުސް ބިލް އޮފް ލޭޑިންތަކުގެ މަޢުލޫމާތު، އިލެކްޓްރޯނިކްކޮށް ފްރައިޓް ފޯވާޑަރުން ކަސްޓަމްސްއަށް ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން، މާސްޓާ ބިލް އޮފް ލޭޑިންގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯވާޑަރު، މި މަޢުލޫމާތު ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
ކަސްޓަމްސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މަޢުލޫމާތުތައް ހުށަހެޅުމަށް ޓްރޭޑިއަން ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މިއީ ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މުދަލާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ތަޢާރަފުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.