ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެނުމަށް ހަ މަސްދުވަހުގެ ފުރުސަތެއް ދޭން ނިންމައިފިކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ސްޓޭޓް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދިޔަ ”އޮޕަރޭޝަން ކުރަނގި“ އިން މިހާތަނަށް 150،000 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުން ވަޒީފާދޭ ފަރާތްތަކުގެ އިހުމާލުން ގަވާއިދުގެ ތެރެއަށް ނުވަދެވި ތިބި ގިނަ އަދަދެއްގެ ބިދޭސީން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
”ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ހުޅުވާލީމަ ފުރުސަތުގެ ބޭނުން ހިފައިގެން ގަވާއިދުގެ ތެރެއަށް ވަނުން އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ގަބޫލުކުރަނީ އެކިއެކި ހާލަތްތައް ކުރިމަތިވެގެން ނުވަތަ ވަޒީފާ ދޭ ފަރާތުގެ އިހުމާލު އޮވެގެން ނަމަވެސް ގަވާއިދުގެ ތެރެއަށް ނުވަދެވި ތިބި ވަރަށް ގިނަ ފަރާތެއް ތިބޭނެކަމަށް،“ ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަކީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ވެސް ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ފިޔަވަޅުތައް އަޅަމުން ގެންދެއެވެ.
ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިތުރަށް ވިދާޅުވީ، ގަވާއިދުގެ ތެރެއަށް ވަނުމަށް ދޭ ހަ މަސްދުވަހުގެ މުއްދަތުގައި، މި ފުރުސަތުގެ ބޭނުން ހިފުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މި ފުރުސަތުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ