ރާއްޖެއަށް ބިދޭސީން ގެނެސް އެ ފަރާތްތަކާމެދު އިހުމާލުވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަޒީފާއާބެހޭ ގާނޫނުގެ 8 ވަނަ އިސްލާހުގެ ދަށުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކަށް މި ޖޫރިމަނާ ކުރެވޭނެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކުރަމުން ދާނީ އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށެވެ.
މި ފިޔަވަޅުތަކުގެ ދަށުން އިހުމާލުވާ ފަރާތްތަކަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ކުރުމަށް ފަހުގައި ނޫނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދެވޭނެއެވެ. މީގެ އިތުރުން، ގާނޫނުގެ 7-65 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، 100،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް އިތުރަށް ހިމާޔަތްކުރެވި، ގަވާއިދާ އެއްގޮތަށް ބިދޭސީން ގެނައުމަށް ވަޒީފާދޭ ފަރާތްތަކަށް ބާރުއެޅިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
