މޯލްޑިވިއަން އިން ބ. ކަމަދުއަށް ސީޕްލޭންގެ ދަތުރުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ފަށާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި މި ދަތުރުތައް ކުރިއަށް ގެންދާނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
މި ޚިދުމަތް ފެށުމާއެކު، ދިވެހިންނަށް ޚާއްސަ އަގެއްގައި ޓިކެޓް ވިއްކުމަށް ވެސް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ. އެގޮތުން މާލެއިން ކަމަދުއަށް ދަތުރުކުރާ ސީޕްލޭން ޓިކެޓެއްގެ އަގު ހަމަޖެހިފައިވަނީ 1,199 ރުފިޔާއަށެވެ.
ކަމަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަށްޓަކައި މޯލްޑިވިއަނާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ.
”ސީޕްލޭންގެ ޚިދުމަތް ކަމަދޫގައި ފެށިގެންދިއުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްޤީވެފައިވާ ރަށަކަށް ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ކުރާނެ ކަމެއް،“ މިހެން ވިދާޅުވެ ރައީސް މުއިއްޒު ވަނީ މި ޚިދުމަތް ފެށުމާ ގުޅިގެން އެ ރަށުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.
ކަމަދޫއަކީ ރަށު ފަތުރުވެރިކަން އަވަސް ދުވެލީގައި ކުރިއަރަމުންދާ ރަށެކެވެ. ސީޕްލޭންގެ ޚިދުމަތް ފެށުމާއެކު، އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި މުޅި ރަށަށްވެސް އިގްތިސާދީގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
