ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ކުރީގެ ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލޯނުތަކުގެ ތެރެއިން 554 މިލިއަން ރުފިޔާގެ ލޯނު ނުލިބޭކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ އެދުމުގެ މަތިން އޮޑިޓް އޮފީހުން ހެދި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓެކެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2019 އިން 2023 އަށް ދޫކުރެވުނު 1.3 ބިލިއަން ރުފިޔާގެ ލޯނުތަކުގެ ތެރެއިން 554 މިލިއަން ރުފިޔާގެ ލޯނު ނުލިބުމުގެ ސަބަބުން ވަނީ ނަން-ޕާފޯމިންގ އެސެޓްތަކަށް ބަދަލުވެފަ އެވެ. މިއީ އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ 41 އިންސައްތަ އެވެ.
އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، އެސްޑީއެފްސީން 827 ފަރާތަކަށް ދޫކޮށްފައިވާ 878 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، ގަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން އިތުރަށް ދައްކަންޖެހޭ 151 މިލިއަން ރުފިޔާވެސް އެބަ އޮތެވެ. އަދި 554 މިލިއަން ރުފިޔާގެ ތެރެއިން 107 މިލިއަން ރުފިޔާ ވަނީ މައާފުކޮށްދީފަ އެވެ.
ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުން 2024 އާ ހަމައަށް އަނބުރާ ހޯދިފައިވަނީ އެންމެ 12 މިލިއަން ރުފިޔާ އެވެ.
އޮޑިޓް ރިޕޯޓުގައި މި މައްސަލަތައް ހައްލުކުރުމަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވެ އެވެ. މީގެ ތެރޭގައި ލޯނު ދޫކުރުމުގެ މިންގަނޑުތައް ހަރުދަނާކުރުމާއި، ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމާއި، ކޮލެޓަރަލް ޕޮލިސީއަށް ބަދަލު ގެނައުން ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލިސް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންްސް ކޯޕަރޭޝަން (އެސްޑީއެފްސީ) އޮޑިޓް ރިޕޯޓު